މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް ޑރ. މުހައްމަދު މުނައްވަރުގެ އެއްވެސް އަޑެއްބަޑެއް ނެތެވެ.
އައްޑޫ މީދު އަށް އުފަން، ކުރީގެ އެޓާނީ ޖެނެރަލް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާންކުރެއްވީ މާޗް މަހުގެ 4 ގައި ކުރެއްވި ތެރޭގަ އެވެ. އެކަމަކު އޭގެ ފަހަކުން ވެސް އޭނަގެ ކެމްޕޭނާ ގުޅޭ އެއްވެސް ހަރަކާތެއް ނެތެވެ. އިންތިހާބަށް ވާދަކުރައްވަން ނިންމެވި ގިނަ ކެންޑިޑޭޓުން މިހާރު ވަރަށް ފޯރީގައި މިހާރު އިންތިހާބަށް ކެމްޕޭންކުރައްވަމުން ގެންދަވާ އިރު، މުނައްވަރުގެ އެއްވެސް ހިލަމެއް ނެތެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ނަމަ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި 1،500 މީހުންގެ ސޮއި ވެސް ބޭނުންވެ އެވެ. މިދިޔަ މަހުގެ ފަހުކޮޅު އޭނަ ހޯއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ. އެކަމަކު ސޮއި ހަމަކުރެއްވި ކަމެއް ކަށަވަރެއް ނުވެ އެވެ. އަދި އޭނަގެ ރަނިންމޭޓެއްގެ ވާހަކައެއް ވެސް ނެތެވެ.
— Mohamed Munavvar (@MMunavvar) March 5, 2023
މި ފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވީ ދެ ބޭފުޅެކެވެ. އެއީ މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނަ ސޮއި ހަމަކޮށްފައިވާ އިރު، މާ ގަދަކޮށް ނޫން ނަމަވެސް ކެމްޕޭން އެބަކުރައްވަ އެވެ.
ނަމަވެސް މުނައްވަރުގެ ކެމްޕޭނުގެ އެއްވެސް ކުލަވަރެއް ހަރަކަތެއް ނެތެވެ. މާލޭގައި އޭނަގެ ކެމްޕޭން އޮފީހެއް ހުޅުވާފައިވެ އެވެ. އިންތިހާބު ބާއްވާ ތާރީހު ގާތްގަނޑަކަށް މަހަކަށް މި ކުރުވަނީ އެވެ. އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ. އަދި ވާދަކުރާ މީހުން ނަން ހުށަހަޅަން އީސީން ދިން މުއްދު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
އެހެންވެ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުން، އެ ބޭފުޅުންގެ ރަނިންމޭޓް ވެސް ކަނޑައަޅައި، އީސީ އަށް ލިޔުންތައް ހުށަހަޅަން އޮތް އެންމެ ފަހު ވަަގުތަކީ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އީސީން މިހާރު ނިންމާފައި އޮތީ ބުދަ ދުވަހު ކެންޑިޑޭޓްގެ ނަން ވެސް ތަރުތީބުކުރާށެވެ.
އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި މުނައްވަ އުޅުއްވާ ތަން ނުފެންނާތީ، އޭނަ މަތިން ހަނދާން ހުރި މީހުންގެ ސުވާލަކީ މިއެވެ؟ ޑރ. މުނައްވަރު ކޮބައި ހެއްޔެވެ؟ އަނެއްކާ ހަމަ ސީރިއަސްކޮށް އޭނަ އިންތިހާބުގައި ވާދަކުރައްވާ ހެއްޔެވެ؟
އިންތިހާބަށް ނުކުންނެވިކަން ރަސްމީކޮށް އިއުލާންކުރައްވަން މާޗް މަހުގެ 12 ގައި މުނައްވަރު ނިއުސް ކޮންފަރެންސއް ބޭއްވި އެވެ. އެ ދުވަހު އޭނަ ވިދާޅުވި ގޮތުގައި އިންތިހާބަށް ނުކުންނަވަން ނިންމެވީ ގައުމު މިހާރު އޮތް ހާލަތުގެ ސަބަބުން މަޖުބޫރުވެވަޑައިގެންނެވެ.
އެ މަޖުބޫރީ ހާލަތްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރު ގާނޫނުގެ ބާރު ކެނޑިފައި އޮތުމާއި ގާނޫނު ތަންފީޒުކުރަމުން ނުދިއުމާއި ހާރިޖީ އަދި ދާހިލީ މިނިވަންކަން ނެތުމާއި އިޖުތިމާއީ ފޭރާން ހަލާކުވެ ނެތިގޮސްފައިވުމާއި އިގުތިސާދީ ގޮތުން ގޮންޖެހުން ބޮޑުވެ، ބޮޑެތި ދަރަނިތައް ދިވެހިންގެ ބޮލުގައި އެޅުމާއި ދައުލަތުން ކުރާ ބޭކާރު ހަރުދުތައް އިންތިހާއަށް އިތުރުވުން ފަދަ ކަންކަން ހިމެނޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މަޖުބޫރުކުރަނީ މިއަދުގެ ގައުމުގެ ހާލަތު. އެހެންވީމާ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މަޖުބޫރު އެބަވޭ ފިޔަވަޅު އަޅަން." އޭނަ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އައްޑު އަށް ނިސްބަތްވާ އެހެން ބޭފުޅަކު ވާދަ ކުރައްވަ އެވެ. އެއީ ޑިމޮރެކްޓްސްގެ ޓިކެޓްގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.
ދެން އިންތިހާބަށް ނުކުންނަވާ ބޭފުޅުންނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމު އިބްރާހީމާއި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމެވެ.