މަރަދޫ ސިއްހީ މަރުކަަޒަށް ދިމާވެފައިވ ޖާގައިގެ ދަތި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެތަނަށް އަލަށް އިތުރު ކުރާ ބައިގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ދޭތެރޭ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން މަރަދޫ ސިއްހީ މަރުކަުގެ އޮފިޝަލަކު ވެސް ވިދާޅުވީ އެތަނުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ވަރަށް ގިނަ ބަޔަކު ވެސް އެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށެވެ.
މަރަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރާ ބައިގެ މަސައްކަތް ހިތަދޫ ދާގަނޑު ކޮންސްޓްރަކްޝަނާ ހަވާލު ކުރީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިރު އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މަސައްކަތް ފަށާތާ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި ދާގަނޑާ ހަވާލުކޮށްފައި ވަނީ އިމާރާތް ރާނައި، ހިޔާ ކުރުމުގެ އިތުރުން ސިމެންތި ޖެހުމުގެ މަސައްކަތެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އިމާރާތުގައި ސިމެންތި ޖަހަންފ ފަށާފައި ވަނީ އިމާރާތުގެ ފާރުގެ ތެރެއަށް ލާން ޖެހޭ ހޮޅި ފަދަ ތަކެތި ވެސް ނުލަ އެވެ. އަދި އެތަނުގައި ދާގަނޑުން ތަޅުމެއް ވެސް ނާޅަ އެވެ.
މިކަން ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވެސް ކަށަވަރު ދެއްވި އެވެ.
"އެ ކުންފުނިިން ބުނަނީ ތިމަންނަމެންނާ ހަވާލު ކުރި މަސައްކަތޭ މި ކުރަނީ. އޭގެ މާނައަކީ ފާރުގެ ތެރެއަށް ލާން ޖެހޭ ހޮޅިތައް ލުމާއި ތަޅުން އެޅުން ފަދަ މަސައްކަތްތަކެއް ނެތޭ ދާގަނޑާ ހަވާލުކޮށްފައެއް" އޭނާ ވިދާޅުވި އެވެ. "މިހާރު މަސައްކަތް މި ކުރިއަށްދާ ގޮތުން އަނެއްކާ ފަހުން ކަރަންޓް ލާން ފާރުތައް ކަނޑަން ޖެހޭނީ."
މަރުކަޒަށް އިތުރު ކުރާ ބައިގެ މަސައްކަތް ކުރިއަށްދާ ގޮތާ ހިތްހަމަނުޖެހުމުގެ އިތުރަށް އެތަނުގެ ޖާގަ މިހާރު ބޭނުން ކުރާ ސިއްހީ މަރުކަޒަށް ވުރެ ތާށި ކަމަށް "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
"އެތަނުގެ ތެރެއަށް ވަދެ އަހަރެން ވެސް ބަލާލިން. އެތަނުގައި ހުރި ތަންތަންކޮޅު ވަރަށް ކުޑަ. ވޯޑާއި އެހެން ރޫމްތައް ވެސް ވަރަށް ކުދިކޮށް ހުރީ. އެހެންވެ މިތަނުގެ ސަބަބުން މިހާރު ބޭނުން ކުރާ ސިއްހީ މަރުކަޒަށް ޖާގައިގެ ގޮތުން ވާނެ ފަސޭހައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.
މަރަދޫގެ މިހާރުގެ ސިއްހީ މަރުކަޒަކީ ހަ އެނދުގެ ޖާގައިގެ ތަނެކެވެ.