އައްޑޫސިޓީ މަރަދޫ ކައިރިން އޮންނަ ހަންކެޑެ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢު ފެށުމަށްޓަކައި، ހިއްކައި ނިންމާލައިފިއެވެ.
ހަންކެޑެ ހިއްކާފައިވަނީ ސަރުކާރުން ޙަރަދުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މިމަސައްކަތް ކޮށްފައިވަނީ، އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ވެން އޫޑު ކުންފުނިންނެވެ. ހަންކެޑެ އިރުމަތީ ފަރާތުން 4 ހެކްޓަރު ވަނީ ހިއްކާ އެރަށަށް އިތުރުކޮށްފައެވެ.
މިރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބަލަހައްޓަމުގެންދާ މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ މިމަޝްރޫޢުގެ ދަށުން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން ހާމަކޮށްފައެވެ. އަދި މިހާސިލްވީ މިމަޝްރޫޢުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.
Celebrating the successful completion of Hankede reclamation, a key milestone towards kickstarting our integrated tourism development project. pic.twitter.com/xGKu7FFQsw
— Maldives Fund Management Corporation (@mfmc_mv) August 7, 2023
މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އިންޓަގްރޭޓް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ.
ސަރުކާރުން ހިންގާ މިމަޝްރޫޢުގެ ދަށުން ހަންކެޑެގައި 2082 އެނދު ތަރައްޤީ ކުރާނެކަމަށް އެމްއެފްއެމްސީއިން ހާމަކުރެއެވެ. މިމަޝްރުޢޫގެ ތެރެއިން 14 ހޮޓަލް ޤާއިމް ކުރާނެއެވެ. އެއީ 2 ގްރޭންޑް ހޮޓަލާއި، 2 ޑިލަކްސް ހޮޓަލް އަދި 10 ބުޓީކް ހޮޓަލެވެ. މީގެ އިތުރުން 17 ބީޗް ވިލާ ތަރައްޤީކުރާނެއެވެ. އަދި 64 ސާވިސްޑް އެޕާޓްމެންޓުގެ އިތުރުން ޝޮޕިންގް އޭރިއާތައް މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރާނެއެވެ.
މީގެ އިތުރުން ވޯޓަރ ޕާކަކާއި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ތަފާތު ވަސީލަތްތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓުގެ ތެރޭގައި ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓްސް ބިލްޑިންގް، އައުޓްޑޯ ބީޗް ސްޕޯޓްސް ކުޅޭނެ ވަސީލަތްތަކާއި، ތީއެޓަރ ފަދަ ރެކްރިއޭޝަނަލް ޚިދުމަތްތަކާއި، ފުޑް ކޯޓާއި ތަފާތު ރެސްޓޯރެންޓް އަދި ފިހާރަތަށް ހިމެނޭގޮތަށް މިމަޝްރޫޢު ވަނީ ފަރުމާކުރެވިފައެވެ.