ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމާ އެކީ މި މަހު ކެމްޕޭނަށް އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި ދަތުރު ތާވަލުކޮށްފައި ވަނީ މި މަހުގެ 28 އަށެވެ. ނަމަވެސް އައްޑޫގެ މި ދަތުރާ ގުޅޭ ގޮތުން އެމްޑީޕީން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. ރައީސްގެ ރަނިންމޭޓަކަށް ހަމަޖެއްސި އަސްލަމަކީ އައްޑޫ ހިތަދު އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރެވެ.
ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ ކުރީކޮޅު އެވެ. އެ ދަތުރުގައި އެ މަނިކުފާނު އައްޑޫގެ ބޮޑެތި މަޝްރޫއުތަކެއް ފައްޓަވައި ދެއްވި އެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
ރައީސާ އަކީ އަސްލަމް މި މަހު އައްޑު އަށް ކުރައްވާ ދަތުރުވާނީ ރަނިންމޭޓަކަށް އޭނަ ހަމަޖެއްސި ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އަންނަ މަހުގެ 9 ގައި ބާއްވަން ހަމަޖެހިފައިވާ އިރު، ރައީސާއި އެމްޑީޕީން ބުނަމުން އަންނަނީ ފަސޭހަކޮށް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެމްޑީޕީގެ ކޯލިޝަން ބައިވެރިންގެ ގޮތުގައި މި ފަހަރު ތިބީ އަދާލަތާއި އެމްޑީއޭ އެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން މިއަދު ހުވަދު އަތޮޅަށް އެ މަނިކުފާނު ވަޑައިގަންނަވާނެ އެވެ.