މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.
ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ މި ފްލެޓް ލިސްޓަށް ބަލާ އިރު، ދެ ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި 6،208 މީހުން ހިމެނެ އެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި 14،489 މީހުން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ދެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާ ގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުންhttps://t.co/Vxhvida1qP
— Min.of National Planning, Housing & Infrastructure (@MoNPHImv) August 8, 2023
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވަނީ 4،000 ފްލެޓެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އެންބީސީސީން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.