ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު ކުރިއަރާފައިވާ މިންވަރަށް މިކަމުގައި ޕްރައިވެޓް ސެކްޓާ ބައިވެރިވުން ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަން ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލްގެ "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ފައިސަލް ވިދާޅުވީ ރާއްޖެ އަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާ އެކު މަތީ ފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތައާރަފުކޮށް ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން މިހާތަނަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރު ވާން ޖެހޭ ކަމަށާއި އަދި ހަމަ އެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާންމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އާންމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށް ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.
ރަސްމިއްޔާތުގައިި ފައިސަލް ވަނީ އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކުރި "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ވެސް ނެރެދެއްވައިފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ އޮގަސްޓް 8، 2018 ގައި އޭޑިކޭ ގަ އެވެ.