އައްޑޫ ހިތަދޫ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޔޫތު މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މިއަދިން ފެށިގެން މި މަހުގެ 17 އާ ހަމައަށް ރަޖިސްޓްރީވެވޭނެ އެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 52،000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގަ އެވެ.
ހިތަދޫގެ އިތުރުން އިތުރު ހަތަރު ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް ހަދަން ބީލަމަށް ލާފައިވެ އެވެ. އެއީ ގދ. ވާދު އާއި ކުޅުދުއްދުއްޓާއި ނ. މަނަދޫގެ އިތުރުން ށ. މިލަންދު އެވެ.