ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާ ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް އައްޑޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު "ގެސްޓޮރޮނޮމީ ޓްރެއިނިން ޕޮރޮގްރާމް" ނަމުގައި ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައްޑޫ ޕޮލިސް ކޮލެޖްގަ އެވެ.
އެހެންވެ މީގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑި މާދަމާ މެންދުރު 12:00 އަށް ހަމަވާނެ އެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކް https://forms.office.com/Pages/ResponsePage.aspx?id=bh8sE-4Yyk2WXGiCYR05ev3AavBtgDhEkIWsxxLaMlRUOEY2VDhBVkJXSlE4UFo4WlY1QTBITkJMNCQlQCN0PWcu މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ "ގެސްޓޮރޮނޮމީ ޓްރެއިނިން ޕޮރޮގްރާމް" އަކީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އައްޑޫގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ކުރިއަރުވަން އެހީވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. މި ހާއްސަކޮށްފައި ވަނީ ޓޫރިޒަމާ ގުޅުން ހުރި ވިޔާފާރިތަކާއި ގެސްޓްހައުސް އާއި ހޯމްސްޓޭ ޓޫރިޒަމް ދާއިރާއަށް ޝައުގުވެރިވާ މީހުންނަށެވެ.
މިހާރު ތިން ރިސޯޓެއް އޮޕަރޭޝަނުގައި އޮތް އައްޑު އަކީ މަޑުމަޑުން ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ތަނެކެވެ. އަދި ގެސްޓްހައުސް ތަރައްގީކުރަން ގިނަ އަދަދެއްގެ ބިންތަކެއް ކައުންސިލުން ދޫކޮށްފައިވެ އެވެ.
ކައުންސިލުން މިދިޔަ އަހަރު ޓޫރިޒަމް ފޯރަމެއް ވެސް ބާއްވައި، އެ ދާއިރާ އައްޑޫގައި ކުރިއެރުވުމާ ގުޅޭ ގޮތުން ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކީ ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ.