ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އަދި އޯތޮޓިކް ވަސީލަތްތައް އުފައްދާ ލެބެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ހުޅޫމާލެ ހޮސްޕިޓަލުގައި ޤާއިމް ކުރެވުނު މި ލެބަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާންމު ދިރިއުޅުމުގައި ބޭނުންވާ އެކިކަހަލަ ވަސީލަތްތައް އުފައްދާ ލެބެކެވެ. މި ލެބް ހުޅުވައި ދެއްވީ ރައީސުލްޖުމުހޫއްރީއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ރަސްމީއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަސްމީއްޔާތުގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަދި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސެންޓަރު ހުޅުވައި ދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވައި ކުރެވުނު މަސައްކަތަށް އަލި އަޅުވާފައެވެ. އަދި މިއަދު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރު ވިދާޅުވީ، މި ލެބުގެ ސަބަނުން ހަމައެކަނި ފައިދާ ލިބިގެންދާނީ މާލެ ސަރަހައްދުގައި އުޅޭ ކުޑަކުދިންނަށް ނޫން ކަމަށާއި، މިކަމުގެ ފައިދާ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުދިންނަށްވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުތަކުގެ ދަށުން ކުރެވެމުންދާ މަސައްކަތަށް އަލިއަޅުވާލެއްވިއެވެ.
Vice President @faisalnasym inaugurated Maldives' first Prosthetics and Orthotics Laboratory at @hmh_mv, catering to individuals with limb loss due to accidents, diseases, or congenital conditions. The lab offers prosthetic implants and custom-made orthotic devices. pic.twitter.com/CNcUKINLk9
— The President's Office (@presidencymv) August 9, 2023
އިންޑިއާގެ އެހީތެރިކަމާއި އެކު ޤާއިމް ކުރެވުނު ލެބުގެ، މެޝިނަރީތަކާއި އިންޓީރިއާ ޑިޒައިން އަދި ކޮންސިއުމަބަލްސް ހޯދުމުގެ މަސައްކަތަށް ޕްރޮޖެކްޓުގެ ދަށުން ވަނީ ޙަރަދު ކުރެވިފައެވެ. މީގެ އިތުރުން މި ލެބުގައި ހަރަކާތްތެރިވާ ހޮސްޕިޓަލުގެ 2 މުވައްޒަފަކަށް މިމަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީނު އިންޑިއާގައި ފޯރުކޮށްދެވުނެވެ.
ލެބް ހުޅުވިގެން ދިއުމާއެކު ޗައިލް ޑިވެލޮޕްމެންޓް ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ކުދިންނަށް ބޭނުންވާ މިފަދަ ވަސީލަތްތައް ހޯދުމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން މީގެ ކުރިން ބޭރުން މިފަދަ ވަސީލަތްތައް ގެނެސް ބައެއް ފަހަރު ހެޔޮވަރު ނުވުން ފަދަ މައްސަލަތައް ދިމާވާކަން ހޮސްޕިޓަލުން ފާހަގަ ކުރެއެވެ. ނަމަވެސް މިހާރު އެ މައްސަލައަށް ހައްލެއް ލިބި މިފަދަ ވަސީލަތްތައް ގެނައުމަށް ކުރަން ޖެހޭ ޙަރަދު ތިން ގުނަ ކުޑަވެގެން ދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން ކެމްބޯޑިއާގައި ދެ މުވައްޒަފަކު ތަމްރީން ކުރުމަށް މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގައި 18 އަހަރުން ދަށުގެ 480 އަށް ވުރެ ގިނަ ކުދިން ރެޖިސްޓްރީ ކުރެވިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.