އިއްޔެ ރޭ ގދ. ގައްދޫގައި ބޭއްވި ރައީސް އިބްރާހީމް މިހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި އަވަގުރާނަ ގޮވުމުން ބޮޑެތި ފާޑުކިޔުންތަކެއ އަމާޒުވި، އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ މައާފަށް އެވިވަޑައިގެންފި އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނަ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އަވަގުރާނަ ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ގދ. ގައްދޫގައި އޮތް ޖަލްސާގައި އަޅުގަނޑު އައުގުރާނަ ގޮވިކަމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ވާހަކައާ ގުޅޭ ގޮތުން ދަންނަވަމެވެ. އަޅުގަނޑު ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ…
— Dr. Aishath Rafiyya (@Arafiyya) August 9, 2023
"އެ އިބާރާތް އަޅުގަނޑު ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި،' އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް އެ އިބާރާތް އަޅުގަނޑަށް ބޭނުން ކުރެވިފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑު ބޭނުންކުރި މާނަ އާއި ވިސްނުމާ ޚިލާފު މާނައެއް އެ އިބަރާތުން ކުރެވޭ ކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެވޭތީ، އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މަޢާފަށް އެދެން."
ގައްދޫ ޖަލްސާގައި ރަފިއްޔާ ވަނީ މާލޭގައި ކުރިން އިންދި ފެންފޯއްރުއްތަކާ ގުޅުވައިގެން "އަވަގުރާނަ" ގޮވައިފަ އެވެ. ވަރަށް ޖޯޝްގައި ރަފިއްޔާ ވާހަކަ ދެއްކެވި އިރު، އެކަހަލަ ކަންކަން ކުރަންޏާ "…ފައިން ވެސް އެރޭނެ" ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނަގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ރަފިއްޔާ އަކީ މިހާރު ޕޯޑިއަމްތަކުގައި ވަރަށް އަޑުގަދަކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.