Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ފޭދޫގައި 200 ކޮޓަރީގެ ކޮންޑޮމީނިއަމެއް ހަދަނީ

މަތީފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން އައްޑޫ ފޭދޫގައި 200 ކޮޓަރީގެ ކޮންޑަމީނިއަމް އިމާރާތެއް އަޅަން ކައުންސިލުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. މިކަން ޖަލްސާ އަށް ހުށަހެޅީ ކައުންސިލްގެ ޕްލޭނިން ސެކްޝަނުންނެވެ. އެގޮތުން މައްސަލާފައި ބުނެފައި ވަނީ ފޭދޫ ހިއްކި ބިމުން އިންޑަސްޓްރިއަލް ޒޯނަށް ކަނޑައަޅާއިވާ ސަރަހައްދުގައި މަތީ ފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަކޮށް ޓޫރިޒަމަށް މަގުފަހިވާ ގޮތަށް ކޮންޑަމީނިއަމް އިމާރާތެއް އަޅަން ބިން ހަމަޖައްސަން ބޭނުންވާ ކަމަށެވެ.

އެގޮތުން ހިއްކި ބިމުގެ އިންޑަސްޓްރިއަލް ޒޯނަށް ހާއްސަ ކުރި ސަރަހައްދުގައި 200 ކޮޓަރި ހިމެނޭ ކޮންޑިމީނިއަމެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި މީގެ ސަބަބުން އައްޑޫގެ އުމްރާނީ ތަރައްގީ އަށް ވެސް ކުރިއެރުންތަކެއް ލިބި، އޭގެ ސަބަބުން އިގުތިސާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިފަދަ މަޝްރޫއެެއް ފޭދޫގައި ހިންގަން މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕްލޭނިން ސެކްޝަންގެ ހުށަހެޅުމުގައިވެ އެވެ.

އެހެންވެ 200 ކޮޓަރި ހިމެނޭ ގޮތަށް ޑިޒައިންކުރާ ކޮންޑޮމީނިއަމަށް ބިން ހަމަޖައްސައި ދޭން ޕްލޭނިން ސެކްޝަނުން ހުށަހަޅާފައިވެ އެވެ.

މި ހުށަހެޅުމަށް ބަހުސް ކުރަން ހުޅުވައިލުމުން މައްސަލަ ހުށަހެޅި ގޮތަށް ފާސްކުރަން ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ހުށަހެޅުމުން، ހިތަދޫ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް ތާއީދުކުރެއްވި އެވެ. އަދި މިކަމަށް ތާއީދު ކުރައްވައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ފޭދޫ އިންޑަސްޓްރިއަލް ޒޯންގައި ކޮންޑޮމީނިއަމެއް ހެދުމަކީ ކޮމާޝަލް ބޭނުމަށް ކުރެވޭ ކަމަކަށްވާތީ ފޭދޫގެ ލޭންޑްޔޫޒް ޕްލޭނާ ވެސް އެއްގޮތަށް ހިންގޭ މަޝްރޫއަކަށް ވާނެ ކަމަށެވެ.

މި މައްސަލަ އަށް ވޯޓަށް ހުޅުވައިލުމުން 8 ކައުންސިލަރަކު ވޯޓް ދެއްވި އެވެ. އަދި ތިން ކައުންސިލަރު ވޯޓްގައި ބައިވެރިވެވަޑައިގައެއް ނުގަންނަ އެވެ. ނަމަވެސް މައްސަލަ ވަނީ ކައުންސިލަރުންގެ އިއްފާގުން ފާސްވެފަ އެވެ.

ފޭދޫ ހިއްކި ބިމުގައި މަތީފަންތީގެ ބޯހިޔާވަހިކަމަށް ކޮންޑޮމީނިއަމެއް ހަދަން ފާސްކުރި އިރު، ހިއްކި ބިމުގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފޭދޫ ހިއްކި 1،500 އަކަފޫޓްގެ 300 ގޯތި ދޫކުރަން ވެސް އޮތީ ނިންމައިފަ އެވެ.