Last Updated: November 30, 20:23
Saturday, November 30, 2024
ޚަބަރު

އިންތިހާބަށް ފުލުހުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން އިސް ސަފުގައި މަސައްކަތްކުރާ ފުލުހުން އިންތިހާބަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އަދި އިލެކްޝަންސްގެ ގާނޫނަށް އަލަށް އިތުރުކުރެވުނު އިސްލާހުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެ އެވެ. އޭގެ އިތުރުން، ކުރިން ހިންގާފައިވާ އިންތިޚާބުތަކުގެ މައުލޫމާތާއި ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ކުރީގެ އިންތިޚާބުތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށް ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ.

މި ޕްރޮގްރާމްގައި ކްލާސްތައް ކުރިއަށް ގެންދަނީ އީސީގެ ކަމާގުޅޭ މުދައްރިބުންނެވެ.

މިދިޔަ މަހުގެ 23 އިން ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި މަސައްކަތްކުރާ ފްރަންޓްލައިން ފުލުހުންގެ ތެރެއިން އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާނެ ހުރިހާ ފުލުހުން ބައިވެރިވެ އެވެ.