ސިޔާސީ ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށާއި، ސިޔާސީ މަގުސަދުގައި ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރު ރައީސް ސޯލިހް ފައްޓަވާފައިވަނީ މިއަދުއެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ނ. މާޅެންދޫއަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މާޅެންދޫގައި ކުރިއަށްގެންދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކެމްޕޭން ދަތުރުގައި އިތުރު އުންމީދު ތަކެއް ލިބޭ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކުރިއަށްއޮތް ދައުރުގެ ސިޔާސަތުތައް ބައްޓަންވަމުން އަންނައިރު އިގްތިސާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން އުންމީދުކުރާވަރަށް ވުރެއް ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ މިއިން ދުވަހަކު ނުދެކޭހާ ގިނަ މަސައްކަތް މި ފަސް އަހަރުގައި ފަށާ ކުރަމުންދާކަމަށެވެ. މިކަންކަމުގެ ހެޔޮ ނަތީޖާ ފެންނާނީ ކުޑަ ދުވަސްކޮޅަކުން ކަމަށާއި، ތައުލީމީ ދާއިރާއިން ބިނާކުރާ ޖީލާއި، ރަށްރަށުގެ އުމްރާނީ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަކާ އެމަނިކުފާނު ވާދަކުރައްވާ މިއީ ދެވަނަ ފަހަރުކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާުގެ ވެރިކަމުގެ އެއް ދައުރު ނިމެމުންދާ ކަމަށާއި ސިޔާސީ ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ސިޔާސީ މަގުސަދެއްގައި ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މަގްސަދަކަށް ވާނީ ފަށާފައިވާ މަސައްކަތްތައް ނިންމާ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުން ކަމަށެވެ. އަދި މި އަންނަ ދައުރު ނިންމާ ވެރިކަމުން ފައިބާއިރު ފެންނާނީ މާ ތަރައްގީވެފައި އޮތް އަމާން ރާއްޖެއެއް ކަމަށެވެ.