Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ދީނަށްޓަކައި ވެރިކަންކޮށް ދޭނީ ގާސިމް: ޝައިނީ

ގައުމާއި ދީނަށްޓަކައި ވެރިކަން ކޮށްދެއްވާނެ ބޭފުޅަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ކަމަށް އެ ޕާޓީއާ ރޭ ގުޅިވަޑައިގަތް ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ޖޭޕީއާ އާ ގުޅިވަޑައިގެންނެވީ ވަރަށް މުހިންމު ދެ ރުކުން ކަމަށްވާ އިސްލާމް ދީނާއި، ދިވެހި ގައުމިއްޔަތަށް ބައްލަވާފައި ކަމަށެވެ.

"ވަރަށް ގިނަ ރައްޓެހިން ކައިރީގައި ވެސް ބުނާ ވާހަކައެއް މިއީ. ސިޔާސީ ކަންކަމުގައި ކުރިއަށް ނުކުމެވަޑައިގެން ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ތިބީ ދެ ބޭފުޅުންނޭ. އެއީ ރައީސް ޔާމީނާއި ގާސިމް އިބްރާހިމް،" އދ. މާމިގިލީގައި ރޭ އޮތް ޖަލްސާގައި ޝައިނީ ވިދާޅުވި އެވެ. "އޭގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ފެންނަން އިންނެވީ އެންމެ ކެންޑިޑޭޓެއް. އެހެންވީމަ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނީ އެމަނިކުފާނުކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތީމަ ޕާޓީއާ ގުޅެން މަޖުބޫރުވީ."

އޭނަ ވިދާޅުވި ގޮތުގައި މިހާރު ދިވެހިންގެ މައްޗަށް އެހެން ބަޔަކު ބަސްކިޔާ ފަދަ ބާރުވެރިކަމެއް އޮތްކަން ވެސް އިހުސާސްކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ ނުފޫޒު އޮތްކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މަސްރަހުން ފާހަގަކުރެވޭ ރައްޔިތުން ކަމަކާ ހެދި ފެޑަޕްވީމަ ތިން ވަނަ ފަރާތަކަށް ވޯޓު ދޭނެ. ރާއްޖޭގެ މަސްރަހަށް ބަލާ އިރު ވެސް ބޮޑު ދެ ޕާޓީގެ ގޮތުގައި ތިބި ޕާޓީތަކުގެ ބޭރުން ކޮންމެ ޕާޓީއަކުން ކުރިއަސް ރަނގަޅު ކަމެއްވެއްޖިއްޔާ އެކަމެއް ނިންމަދޭނެ ކެންޑިޑޭޓަކަށް ވެސް ފެންނަނީ ގާސިމް." ޝައިނީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ގާސިމްގެ އެންމެ ފުރަތަމަ ސިޔާސަތަކީ "ދިވެހިން ފުރަތަމަ" ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ދިވެހިން ބާރުވެރި ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.