ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމްގެ ފުރަތަމަ ބުރުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.
"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ރޭ އިޢުލާންކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި އިރު، މިހާރު ލިބެން ހުރި 9،003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.
ރޭ ލިސްޓު އާންމުކުރީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު އެވެ.
"ބިންވެރިޔާ" ސްކީމަކީ،މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ފެއްޓެވި ސްކީމެކެވެ.
ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބުނު މީހުންގެ މެދުގައި މި ޙަފުތާ ތެރޭގައި ގުރުއަތު ނެގުމަށް ހަމަޖަހިފައިވާ ކަމަށާއި، ގުރުއަތު ނެގުމަށްފަހު ހުޅުމާލެއިންނާއި ގުޅީފަޅުން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ދެވަނަ ބުރުގެ ލިސްޓްގައި ހިމެނޭ ސްޓޭޓަސްގައިވާ މީހުންނަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ މީހުން ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑު މިނާއި ދޫކުރާ ތަންތަން:
* 1،250 އަކަފޫޓު: 3،551 ގޯތި (ހުޅުމާލެ 250 ގުޅީފަޅު 260 ގިރާވަރު 3041)
* 1،650 އަކަފޫޓު: 2،802 ގޯތި (ހުޅުމާލެ 340 ގުޅީފަޅު 558 ގިރާވަރުފަޅު 1904)
* 2،050 އަކަފޫޓު: 1،547 ގޯތި (ހުޅުމާލެ 370 ގުޅީފަޅު 690 ގިރާވަރުފަޅު 487)
* 2،450 އަކަފޫޓު: 656 ގޯތި (ހުޅުމާލެ 180 ގުޅީފަޅު 476)
* 2،850 އަކަފޫޓު: 254 ގޯތި (ހުޅުމާލެ 100 ގުޅީފަޅު 154)
* 3،250 އަކަފޫޓު: 109 ގޯތި (ހުޅުމާލެ 60 ގުޅީފަޅު 49)
* 3،650 އަކަފޫޓު: 53 ގޯތި (ހުޅުމާލެ 31 ގުޅީފަޅު 22)
* 4،000 އަކަފޫޓު: 29 ގޯތި (ހުޅުމާލެ 20 ގުޅީފަޅު 9)
މީގެ ތެރެއިން، 1250 އަކަފޫޓ،ުގެ 3551 ގޯއްޗަކީ ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1،650 އަކަފޫޓުގެ 2802 ގޯއްޗަކީ ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.