Last Updated: February 11, 12:32
Tuesday, February 11, 2025
ޚަބަރު

ޔޫތު އެންޑް ސްޕޯޓްސް ދެ މިނިސްޓްރީއަކަށް

މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީ އެކުލަވައިލި މެނިފެސްޓޯގައި ހިމެނޭ "އާ ޒުވާން ޖީލު" ސިޔާސަތުގެ ދަށުން ޒުވާނުންނާއި ކުޅިވަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި ހިންގަން ބޭނުން ވަނީ ދެ މިނިސްޓްރީގެ ގޮތުގަ އެވެ. އެއީ ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އެވެ.

ރާއްޖޭގައި ވެސް ކުރިން ވެސް ގިނަ އަހަރުތަކެއް ވަންދެން މި ދެ ދާއިރާ ހިންގީ ވަކިވަކި ދެ މިނިސްޓްރީގެ ގޮތުގަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ޒުވާނުންނާއި ކުޅިވަރު ވުޒާރާ ވަކިކުރަން ހިމަނާފައި ވަނީ ޒުވާނުން ބާރުވެރި ކުރުވުމުގެ ސުރުހީގެ ދަށުންނެވެ. އެ ސުރުހީގެ ދަށުން ޔޫތު-ކޯއެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފެއްދުމާއި މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގ ސްޕޭސް ގާއިމުކޮށް، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ދިނުމަށް ހިމަނާފައިވެ އެވެ.

އެގޮތުން ޒުވާނުންނަށް ހާއްސަ 50 ކަމެއް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ޔޫތު އާއި ސްޕޯޓްސް ވަކި މިނިސްޓްރީތަކެއްގެ ގޮތުގައި ހިންގަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނެ އިރު، މި ސަރުކާރުން ކުރިން ވެސް މިނިސްޓްރީތަކެއް އެއްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރިން ވަކި ހިންގަމުން އައި ޓެކްނޮލޮޖީ މިނިސްޓްރީ މިހާރު ހިންގަނީ އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅުވައިގެންނެވެ. އަދި ކުރިން ހައުސިން އާއި ޕްލޭނިން މިނިސްޓްރީ އަކީ ވަކިވަކި މިނިސްޓްރީތަކަކަށް ވިޔަސް، މި ސަރުކާރުން އެ ދެ ދާއިރާ ހިންގަނީ އެއް މިނިސްޓްރީއެއްގެ ގޮތުގަ އެވެ.