އުމްރާގެ އަޅުކަން އަދާކުރަން ދާ މީހުން ދީނީ ގޮތުން ސާފުކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދުތައް ވީހާ ވެސް ފަސޭހަކޮށް ހޯދައި ދިނުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން މަސްޖިދުލް ނަބަވީގައި ރޮބޮޓެއް ބޭނުންކުރަން ފަށައިފި އެވެ.
މި ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެހެންވެ މި "ފަތުވާ" ރޮބޮޓްވެފައި ވަނޫ އުމްރާގެ އަޅުކަމަށްދާ މީހުންނަށް ވަރަށް ބޮޑު އެހީތެރިއަކަށެވެ.
މި ރޮބޮޓަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މުއާމަލާތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓްތަކެކެވެ. އެގޮތުން އަޅުކަމަށްދާ މީހުން ސާފުކުރަން ބޭނުންވާ ދީނީ އެކިއެކި މައުލޫމާތުތަކާއި އިރުޝާދުތައް 11 ބަހަކުން ފޯރުކޮށް ދޭނެ އެވެ. އޭގެ ތެރޭގައި އަރަބި، އިނގިރޭސި، އުރުދޫ، ފްރެންޗް، ފާރިސީ، ތުރުކިޝް، ރަޝިއަން، ޗައިނީސް، ބެންގާލީ އަދި ހައުސާ ބަސް ހިމެނެ އެވެ.
މީގެ އިތުރުން މި ރޮބޮޓްތައް މެދުވެރިކޮށް ދީނީ އިލްމުވެރިންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަރު ވެސް ލިބެ އެވެ.
މި ރިބޮޓަކީ ހަތަރު ފްރޮޅުލީ ސްޓޭންޑެއްގައި ކުރިމައްޗާއި ފަހަތުގައި ހައި ރިޒޮލިއުޝަން ކެމެރާ އެކުލެވޭ، 21 އިންޗީ ޓަޗް ސްކްރީނެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި މިއީ މައުލޫމާތި ސާފުކުރަން ބޭނުންވާ މީހާ އަށް އޭގެ ޓަޗް ސްކްރީން މެދުވެރިކޮށް، ކަސްޓަމައިޒްކޮށް ވަރަށް ފަސޭހަ އިން ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓެކެވެ.
ދެ ހަރަމްފުޅު ބަލަހައްޓާ އޮފީހުން ބުނި ގޮތުގައި "ފަތުވާ" ރޮބޮޓްގެ ބޭނުން މިހާރު ވަރަށް ގިނަ ބަޔަކު ހިފަ އެވެ.
މީގެ ކުރިން ވެސް ހަރަމްފުޅުގައި އަޅުކަމަށްދާ މީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ރޮބޮޓް ބޭނުންކުރަމުން ގޮސްފައިވެ އެވެ.