އުމްރާ އަށް މީހުން ގެންނަން ހުއްދަ ދީފައި ނެތް ކުންފުނިތަކަކުން އެކަން ކުރާކަން ފާހަގަވެ، އިސްލާމިކް މިނިސްޓްރީން އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
ހައްޖާއި އުމްރާ އަށް މީހުން ގެންދެވެނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭ ކުންފުނިތަކަށެވެ. ނަމަވެސް މި އުސޫލުގެ ބޭރުން އަމަލުކޮށް، ހައްޖާއި އުމްރާ އަށް ދާން ބައެއް މީހުން ދައްކާ ފައިސާ އަށް ބައެއް ކުންފުނިތަކުން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ވެސް ރާއްޖޭގައި ފެންމަތިވެފައިވެ އެވެ.
ހުއްދަ ނެތް ކުންފުނިތަކުން އުމްރާ އަށް ގެންދާތީ އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އުމްރާ އަށް މީހުން ގެންދިއުނުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އިތުރަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށެވެ.
"އެހެންކަމުން ރާއްޖެއިމން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ވާހަކަ ދަންނަވަން." ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ވަނީ ފައިސާ ދެއްކުމުގެ ކުރިން ކުންފުނިތަކުގެ މައުލޫމާތު ރަނގަޅަށް ސާފުކުރުމަށާއިފައިސާ ނުދެއްކުމަށް ވެސް އިލްތިމާސް ވެސް ކޮށްފަ އެވެ.
"އުސޫލާ ހިލާފަަށް އަމަލުކޮށްގެން ދިމާވާ އެއްވެސް ކަމެއްގެ ޒިންމާ އުފުލަން ވާނީ އެ ފަރާތަކުން ކަމުގައި އެންމެހާ ރައްޔިތުންގެ ސަމާލުކަަމަށްޓަކައި ދަންނަވަން." މިނިސްޓްރީން ބުންޏެވެ.