އެންމެ ބޮޑު ހިތްދަތި ކަމަކީ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުން ކަމަށް އެ އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގެ ތެރެއިން ގއ. ކަނޑުހުޅުދޫގައި ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވުމަކީ ލަނގޮނޑި އަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަށް އިއްވީ އިންސާފުން ބޭރުންކޮށްފައިވާ ހަރާން ހުކުމެއް ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް 11 އަހަރުގެ ހަލު ހުކުމެއް އައީ ވ. އާރަށު މައްސަލައިގައި ހިންގި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. މި ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ޔާމީނަށް ވަނީ ގެއްލިފަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން މިހާރު ބުނަނީ އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބު އެއްބުރުން ކާމިޔާބުކޮށް، ޔާމީން ޖަލުން މިނިވަންކުރާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިވެރިކަން އައީއްސުރެ އަޅުގަނޑުމެން ހިތްދަތި ދުވަސްތައް މި ގުނަމުން މިިދަނީ،" ޝިޔާމު ވިދާޅުވި އެވެ. "މީގައި އަޅުގަނޑުމެން ލަގޮނޑިއަށް ކެތްނުވަނީ އަޅުގަނޑުމެންގެ ރައިސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަވަން ޖެހޭތީ. އެއްހާސް ތިން ދުވަސް މިއަދަށް މިގުނަނީ އެމަނިކުފާނު ޖަލުގައި ހުންނަވާތާ."
އޭނަ ވިދާޅުވީ އެއީ ސީދާ ހަރާމް ހުކުމެއް ކަމަށާއި ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންނަށް ސަރުކާރުން މަޤާމުގެ ކުރިއެރުން ވެސް ދީފައިވާ ކަމަށެވެ.
"ސީދާ ހަރާމް ހުކުމެއް އެމަނިކުފާނު މައްޗަށް ކުރެއްވީ. އަޅުގަނޑުމެން ހަރާމް ހުކުމެކޭ މި ދަންނަވަނީ 2019 ވަނަ އަހަރު ވެސް އެމަނިކުފާނުގެ މައްޗަށް ދަށުކޯޓުން ހުކުމް އިއްވިި ފަނޑިޔާރު މިހާރު އިންނެވީ ސްޕްރީމް ކޯޓުގައި. މިހާރު އެ މަނިކުފާނު ތަންފީޒު ކުރައްވަމުުން އެގެންދަވާ ހުކުމް އިއްވި ފަނޑިޔާރު މިވަގުތު އިންނެވީ ހައިކޯޓުގައި." ޝިޔާމް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލުގައި އޮންނެވި ސަބަބަކީ އެމަނިކުފާނަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް އެރުވުމެވެ. އަދި އެއީ އިންތިހާބު އެ މަނިކުފާނު ބޭރުކޮށްލަން ކުރި ކަމެއް ވިދާޅުވި އެވެ.