ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް އޮތީ ފަހި ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީގެ ހުޅުމާލެ ޔޫތު ޖަގަހަ ހުޅުވަން ބޭއްވި ހަފުލާގައި އޭނަ ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނީ ހިތްހަމަޖެހޭ، ހިތްފަސޭހަ ސިޔާސަތެއް ކަމަށެވެ.
"ހަގީގަތަކީ ކައިވެންޏަކަށް ފަހު ނުކުންނަ ޒުވާނާއަށް ދިރިއުޅެވޭނެ ތަނެއް ލިބެންޖެހޭނެ، ހޯދެންޖެހޭނެ، ހޯދޭނެ މިންވަރަށް ގައުމު ކުރިއަރަން ޖެހޭނެ. އެއީ އަދި ފައިސާ ދައްކާ ކަމަށްވާ ނަމަ އެ ފައިސާ ދެއްކޭ މިންވަރަށް ޒުވާނުންނަށް މަގުފަހިވާ މިންވަރަށް ކަންކަން އިންތިޒާމް ވާން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ. "ވަޒީފާއިން އެ ލިބޭ އެއްޗަކުން އެއީ އޭނާގެ ފްލެޓަށް ދެއްކޭ މިިންވަރަށް ހުންނަ އެއްޗެއް ކަމުގައި ކަނޑައެޅެން ޖެހޭނެ. އެހެންވީމަ ބޯހިޔާވަހިކަމަށް ބެލިޔަސް މިއޮތީ މުހިންމު އުފާވެރި ސިޔާސަތެއް އަޅުގަނޑުމެންގެ."
ރައީސްގެ ސޯލިހިފެ ވެރިކަމުގެ ދެވަނަ ދައުރުގެ ބޯހިޔާވަހިމުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ އަތްފޯރާ އަގުގައި ޒުވާނުންނަށް ބޯހިވަހިކަން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ.
"އެފޯޑަބަލް ހައުސިންއެއް ދޭން މިޖެހެނީ. ހައުސިން އަޅާފައި އެ އެފޯޑް ނުކުރެވެންޏާ އޭގެ ބޭނުމެއް ނެތް،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ އެފޯޑް ކުރެވެން ޖެހޭ. ޒުވާނުންނަށް ވެސް އެކަން ކުރެވޭ ގޮތަށް ސަރުކާރުން ވިސްނާފައި މި ވަނީ. އުފާވެރި ރައްޔިތުންތަކެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ. އެހެންވީމަ މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވުމަކީ ތިޔަ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅުކަމޭ."