ތަފާތު އެކި ބާވަތުގެ އަނިޔާތަކުގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އަމިއްލަ ދެ ޖަމިއްޔާއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްއެސްއީޫ ހަބްގައި ބޭއްވި ހަފުލާއެއްގައި ސޮއިކުރީ ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް އާއި ޒުލޭހާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީ އާ ދެމެދު އެވެ. ޒުލޭޚާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު ޒުލޭޚާ އިބްރާހީމެވެ. ބްރިޖިންގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް މުހައްމަދެވެ.
ދެ ޖަމިއްޔާ ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގެވެށިއަނިޔާ އާއި ޖިންސީ އަނިޔާގެ އިތުރުން ތަފާތު އެހެން ކަހަލަ އނިޔާތައް ވެސް ލިބޭ އަންހެނުންނާއި ކުޑަކުދިން ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުގައި އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ކުރާ މަސައްކަތުގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
އެގޮތުން ދެޖަމިއްޔާ އިން ބުނީ ގުޅިގެން ކުރެވޭ މަސައްކަތުގެ ސަބަބުން އަނިޔާ ލިބޭ މީހުންގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ނެތް މީހުންގެ ހައްގުތައް ކަށަވަރުކޮށް އަދުލު އިންސާފު ހޯދުމުގައި ހުރި ހުރަސްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށެވެ.
އެހެންވެ އެފަދަ މައްސަލަތަކުގައި ތަހުގީގު އަދި ކޯޓު މަރުހަލާގައި ބޭނުންވާ ގާނޫނީ އެހީތެރިކަން އެ ފަރާތްތަކަށް ހިލޭ ފޯރުކޮށް ދެވޭނެ އެވެ.
މި މަހުގެ 1 އިން ފެށިގެން މިފަދަ ހިދުމަތް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ވަނީ ފަށާފައިވެ އެވެ.