Last Updated: November 30, 13:36
Saturday, November 30, 2024
ޚަބަރު

މުއިއްޒުގެ އާ ވައުދެއް ނެތް: މާރިޔާ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އާ ވައުދެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މުއިއްޒަކީ ސަލަފުގެ ކެންޑިޑޭޓްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މުއިއްޒު ރަށްރަށުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، އާ ވައުދެއްވަޑައި ނުގެން، މުޅިން ވެސް ދައްކަވަނީ މި ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ވާހަކަ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އާ ކަންތައްތަކެއް ހުށަހެޅުއްވުމުގެ ބަދަލުގައި މުއިއްޒު ދެން ދައްކަވަނީ މި ސަރުކާރުން ހިންގައި ނިންމާފައިވާ މަޝްރޫއުތަކެއް އަލުން ހިންގަވާނެ ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެނޑިޑޭޓް, ޕީއެންސީ ސަލަފުގެ މުއިއްޒު, މި ބޭފުޅާ ތަންތަނަށް އަރުއްވާ ވައުދުވެވަޑައިގަންނަވާ އިރު, އަޅުގަނޑުމެން ހަމަ ތިބޭފުޅުންނަށް ދަންނަވަން ކޮންމެ ފަހަރަކު ވެސް ވައުދެއް މި ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއަކާ ބެހޭ ގޮތުން." އޭނަ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މިފަދަ ސަބަބުތަކާ ހެދި މުއިއްޒު ވެރިކަމަށް ގެންނަން ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އިންތިހާބު ފަސޭހަކޮށް ކާމިޔާބު ކުރައްވާނީ ރައީސް ސޯލިހު ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ މެނިފެސްޓޯ މާދަމާ ރޭ ހުޅުމާލޭގައި ލޯންޗްކުރަން ހަމަޖެހިފައިވެ އެވެ.