Last Updated: November 24, 08:59
Sunday, November 24, 2024
ޚަބަރު

ވޮލެޓެއް ނަގައިގެން ތިން އަހަރަށް ޖަލަށް!

މީހެއްގެ ވޮލެޓެއް ވަގަށް ނެގި އައްޑޫ މީހަކު ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު މި ޙުކުމްކޮށްފައި ވަނީ ހިތަދޫ، ސީލަވް، ޙުސައިން ފަޔާޒް، 27، ގެ މައްޗަށެވެ.

މި މައްސަލަ އާ ގުޅިގެން ދަޢުލަތުން ފަޔާޒުގެ މައްޗަށް އުފުލާފައި ވަނީ ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މި ދަޢުވާ އުފުލާފައިވަނީ، ޙުސައިން ފަޔާޟްއާއި އިތުރު މީހަކުވެގެން ޖުލައި 14، 2013 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ލޮޓް 10170 އިން ވޮލެޓަކާއި އެ ވޮލެޓުގައި ހުރި ފައިސާ އާއި ބޭންކް ކާޑާއި އައިޑީ ކާޑް ވަގަށް ނަގާފައިވާ މައްސަލަ އާ ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، ފަޔާޒުގެ އަމިއްލަ އިޢުތިރާފުން އެ ތަކެތި ވަގަށް ނެގިކަން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މިއީ މި ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ތިން ވަނަ ފަހަރުކަމަށްވާތީ އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ތިން އަހަރު ދުވަސް، ފަޔާޒު މި ވައްކަންކޮށްފައި ވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ ހަ މަސް ދުވަހާ އެކު ޖުމްލަ ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށެވެ.

އޭގެ އިތުރުން ފަޔާޒުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށް ސާބިތު ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ވެ އެވެ.