Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މިއީ ގާސިމް ޓެސްޓުކޮށްލަންވީ ފަހަރު: ނަހުލާ

މިއީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ޓެސްޓުކޮށްލަންވީ ފަހަރު ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ގާސިމަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫން ކަމަށާއި ގާސިމަކީ ވެރިކަމަށް ނައި ނަމަވެސް މުޅި ރާއްޖޭގެ ނިކަމެތިންގެ ހާލަތު އެންމެ ގާތުން ބައްލަވާ އެއް ބޭފުޅާ ކަމަށެވެ. ވެރިކަމުގައި ނެތް ނަމަވެސް ރައްޔިތުން އުޅޭ ހާލަތާއި ގައުމު ބިނާކުރަން މިހާތަނަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި ދިވެހި ދަރިއަކީ ގާސިމް ކަމަށާއި މިއީ ގާސިމް ޓެސްޓުކޮށްލަންވީ ފަހަރު ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ނުވިސްނޭތީ ހިތާމަކުރައްވާ ކަމަށާއި ނަމަވެސް އުއްމީދަކީ މިފަހަރުގެ އިންތިހާބުގައި ރައްޔިތުންނަށް ހެޔޮ ވިސްނުން ލިބުން ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި މިފަހަރުލާ ވޯޓަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާނެ ވޯޓެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރިޔާސީ ރޭހަށް ގާސިމް ނިކުންނަވާއިރު އޭނާގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި އަމީން އިބްރާހިމް އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ.