Last Updated: November 30, 13:36
Saturday, November 30, 2024
ޚަބަރު

އަޅުގަނޑު ކަތިލީ ފެން ވެސް ނުދީ: އަލީ ވަހީދު

މި ސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށާއި އެކަމަކު އޭގެ އަގު ވެސް ވަޒަންނުކޮށް، ފެން ނުދީ ކަތިލާފައިވާ ކަމަށް ވިދާޅުވެ، އަލީ ވަހީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، އޭނަގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިމުން ރާއްޖެ އިން ބޭރަށް ވަޑައިގެން ދެ އަހަރެއްހާ ދުވަހު އުޅުއްވުމަށް މިދިޔަ މނަހުގެ ތެރޭގައި ރާއްޖެ އަލީ ވަޑައިގެންނެވި އަލީ ވަހީދު ރޭ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ށ. މިލަންދޫ ޖަލްސާގައި ވިދާޅުވީ މިހާރުގެ ވެރިކަމަކީ ގާސިމާއި އެ ބޭބޭފުޅުން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ތިބެގެން، އެތައް ގުރުބާނީތަކެއް ވެގެން ގެނައި ވެރިކަމެއް ކަަމަށެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ސަރުކާރު ގެންނަން ބުރަ މަސައްކަތެއް ކުރި އިރު، "އަޅުގަނޑުމެން ކަތިލީ ފެންވެސް ނުދީ" ކަަމަށެވެ.

"ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެން މި ވެރިކަން ގެނައީ، މި ވެރިކަން ގެންނަން އަޅުގަނޑުމެން ކުރި މަސައްކަތް ކުޑައެއް ނުވާނެ، ވެރިކަމުގައި ދިމާވި އެންމެ ބޮޑު މުސީބާތަކީ ކޮވިޑްގެ މުސީބާތް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުކުތީ އެ ކޮވިޑްގެ މުސީބާތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ދުވާލަކު ފަސްހާސް މީހުން މަރުވާނެ ކަމަށް ޑޮކްޓަރުން އައިސް ކެބިނެޓްގައި ވިދާޅުވި، ބައެއް ކެބިނެޓް ވަޒީރުން ދިޔައީ ގެއަށް،. އޭގެ ދެ ތިން މަސް ފަހުން ނުކުތްއިރު ތިބީ ތުނބުޅީގައި ނުރަ ޖަހާފައި ލޮކްޑައުންއަށް، އަޅުގަނޑުމެން ނުކުތީ އޭގެ ފްރޮންޓް ލައިނަށް. އެހެން ނަަމަވެސް ފެންވެސް ނުދީ އަޅުގަނޑުމެން ކަތިލީ."