މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމަށް ފަހު، ފަހުން އެ ނިންމުން އަނބުރާ ގެންދެވި ޑރ. މުހައްމަދު މުނައްވަރުގެ ތާއީދު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެއްވަން ނިންމަވައިފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް މުނައްވަރު ތާއީދު ކުރައްވަން ނިންމެވިކަން ބައެއް މީޑިއާތަކަށް މިއަދު ކަށަވަރުކޮށް ދެއްވާފައިވެ އެވެ. އޭނަ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އަމިއްލަ ގޮތުންނެވެ. އަދި އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވިކަން ހާމަކުރެއްވީ އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.
އައްޑޫ މީދު އަށް އުފަން ކުރީގެ އެޓާނީ ޖެނެރަލް މުނައްވަރަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން މި އަހަރުހެ ޖެނުއަރީގައި ބޭއްވި ޕްރައިމަރީގައި މުނައްވަރަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ.
އެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބޮޑުތަނުން ނަޝީދު ބަލިކުރައްވައިފަ އެވެ. އެކަމާ ހެދި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި އާ ޕާޓީއެއް ވަނީ އުފައްދައިފަ އެވެ. އެއީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާ ދަ ޑިމޮކްރެޓްސް އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބެވެ.
މުއިއްޒު މާދަމާ ކެމްޕޭނަށް އައްޑު އަށް ކުރައްވާ ދަތުރުގައި ޑރ. މުނައްވަރު ބައިވެރިވަޑައިގަންނަވާނެ އެވެ. އެނގިފައިވާ ގޮތުގައި މުއިއްޒުގެ މެނިފެސްޓޯ ލޯންޗްކުރަން މިރޭ ހުޅުމާލޭގައި ބާއްވާ ހަފުލާގައި ވެސް އޭނަ ބައިވެރިވެވަޑައިގަންނަވާނެ އެވެ.