Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މި ވެރިކަމަކީ ބޮޑު މުސީބާތެއް: ގާސިމް

މި ވެރިކަން ދަމަހައްޓަން ކުރަންޖެހޭ މަސައްކަތެއް ނޯންނާނެ ކަމަށް މިއީ ބޮޑު މުސީބާތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހދ. ކުމުންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އެމްޑީޕީ އަށް ދެ ފަހަރު ވެރިކަން ހޯދައިދީފައިވާ ކަމަށާއި ނަމަވެސް އެ ވެރިކަން ދިޔައީ ސުމަކުން ކަމަށެވެ. އަދި މި ވެރިކަމުގައި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ކަމަށާއި ސިފައިންނާއި ފުލުހުންނާއި މިއަދު ރާއްޖޭގައި ދެވަނަ ދަރަޖައިގެ ބަޔަކަށް ހަދާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"މިހެންވީމާ ދެން އަޅުގަނޑުމެން ދައްކާކަށް ވާހަކައެއް ނޯންނާނެ. އެ ވެރިކަން ދަމަހައްޓަން އަޅުގަނޑުމެން ކޮށްދޭންޖެހޭ މަސައްކަތެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

"ދިވެހި ސިފައިންނަށް ތަންތަނަށް ގޮސް ވަންނަން ދިމާކުރީމާ، ގައުމުގެ ސަލާމަތަށްޓަކާ ބަލާ ޗެކްކުރަން ތަންތަނަށް ވަންނަން ފެށީމާ ހޯހޯއޭ، އެހެން ބުނެވޭނެ ބަޔަކު ތިބެގެން ނުވާނެ މިތާކު،"

ގާސިމް ވިދާޅުވީ އެފަދަ ކަމެއް ހުއްޓުވޭނީ ކޯޓަކުން ކުރާ ހުކުމަކުން އެކަނި ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވަމުން ގާސިމް ވަނީ އެ ފަރާތްތައް ރާއްޖޭގެ ދެކުނާއި އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން މާލޭގައި ވެސް އެބަތިބި ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ކޮންފަދަ މުސީބާތެއްތަ. އެހެންވީމަ މީގެއިން ސަލާމަތް ވާންޖެހޭ. އެވަރަށް ބީތާވެއްޖެއްޔާ ވެރިކަން ކުރަން ނުހުންނާނީ. އިސްތިއުފާ ދީފައި ގެއަށް ދާނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒުކޮށްފައިވާއިރު، ގާސިމްގެ ޖުމްހޫރީ ޕާޓީ އަކީ މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ. ގާސިމް ރިޔާސީ ރޭހަށް ނިކުންނެވި ނަމަވެސް ޖޭޕީ އަށް ނިސްބަތްވާ ކެބިނެޓް މިނިސްޓަރުން އަދިވެސް ތިއްބެވީ އެ މަގާމުތަކުގަ އެވެ.