އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކާ ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން އާންމުކޮށް ހުޅުވައިލަން ކައުންސިލުން ނިންމައިފި އެވެ.
ބިން ހިއްކުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ކަައުންސިލުން އާންމުކުރި ވީޑިއޯއެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކާ ރަށްތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އެހެންވެ މި ހަފުތާގެ ތެރޭގައި އެ ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މި ރަށްތަކަށް ނަން ކިޔާނީ އައްޑޫ ރަމްޒުކޮށްދޭ، އައްޑުއާ ވަރަށް ގުޅޭ ގޮތަށެވެ. ޓޫރިޒަމަށް ހާއްސަކޮށްގެން ތިން ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދެ އެވެ.
ނިޒާރު ވިދާޅުވީ ރަށްތަކަށް ހިއްކައި ނިމެމުން އަންނަ އިރު، ރަށްތަކުގެ ރިވެޓްމަންޓް މަސައްކަތްތައް ވެސް ބާރަށް ކުރިއަށް އެބަދެ އެވެ. އެހެންވެ މި މަސައްކަތް ނިމެމުން އަންނާތީ އެ ރަށްތައް ޓޫރިޒަމަށް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް ކައުންސިލުން ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.
"މި ރަށްތަކާ ގުޅޭ ގޮތުން އިދާރީ ގޮތުން މިހާރު ކުރިއަށް އެންމެ މުހިއްމު މަސައްކަތްތަކީ ޓޫރިޒަމް މަސައްކަތްކަށް އިއުލާން ކުރުން،" މޭޔަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މިކަމާ ގުޅުން ހުރި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީސް ގުޅިގެން އަންނަނީ ކުރަމުންނެވެ.
އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ކުރަނީ ނެދަލެންޑްސްގެ ވެން އޫޑްއިންނެވެ.