އައިފޯން 15 ލޯންޗްކުރާ އިވެންޓް އަންނަ މަހުގެ 12 ގައި އޮންނާނެކަން އެޕަލް އިން ކަށަވަރުކޮށް ދީފި އެވެ.
"ވޮންޑަލަސްޓް" ގެ ނަމުގައި ބާއްވާ އިވެންޓްގެ ތާރީހު އިއުލާންކޮށް، އެޕަލްގެ އަހުލުވެރިންނަށް އިވެންޓަށް ދައުވަތު ވެސް ދީފައިވެ އެވެ. އާންމު އުސޫލުގެ މަތިން އައިފޯން 15 ލޯންޗްކުރާ އިވެންޓް އޮންނާނީ އެޕަލްގެ ކެލިފޯނިއާގެ ކަޕަޓީނޯގެ ކޭމްޕަހުގަ އެވެ. މި އިވެންޓް އެޕަލްގެ ވެބްސައިޓާއި އެޕަލް ޓީވީ އެޕުން ލައިވްކުރާނެ އެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އައިފޯން 15 އަށް އިންތިޒާރު ކުރަމުން އަންނަ އިރު، މި ސީރީޒްގެ ދަށުން ހަތަރު މޮޑެލްއެއްގެ ފޯނު ނެރޭނެ ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ. އެއީ އަފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 އަދި އައިފޯން 15 ޕްރޯ މެކްސް (އަލްޓްރާ) އެވެ.
އަޑުއަރާފައިވާ ގޮތުން މި ފަހަރުގެ ފޯނުގެ އެންމެ ފަހުން ނެރުނު އައިފޯން 14 އަށް ވުރެ 100 އެއްހާ ޑޮލަރު އަގުބޮޑުވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ އިވެންޓްގައި އެޕަލް ވޮޗްގެ އާ ސީރީޒްތަކެއް ވެސް ލޯންޗްކުރާނެ އެވެ.