Last Updated: November 28, 21:08
Friday, November 29, 2024
ޚަބަރު

އެއްވެސް މެމްބަރަކަށް ރިޝްވަތެއް ނުދެން

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައި ނޯންނާނެ ކަމަށް ރައިސް އިބްރާހީމް މުހައްމަސު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، އެ ޕާޓީއާ އަލަށް މެމްބަރުންތަކެއް ގުޅިވަޑައިގެންފައިވާތީ އެއީ ރިޝްވަތު ދީގެން ގެންދެވި މެ މެމްބަރުންތަކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާތީ ރައީސް އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ރިޝްވބަތު ނުދެއްވާ ކަމަށާއި ޕާޓީއާއާ އަލުން ގުޅިވަޑައިގެންނެވި މެމްބަރުން އެކަން ކުރެއްވީ އެ ބޭފުޅުން އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.

މެމްބަރުންނަށް ރައީސް ރިޝްވަތު ދެއްވި ކަމަށް ބުނެ އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅީ މެމްބަރުންނާއި އެހެން ވެސް މީހުންނަށް ރިޝްވަތު ދެމުންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އުފެއްދުމުގައި އިސްކޮށް އުޅުއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައި ވަނިކޮށެވެ.

"އަޅުގަނޑުމެން ހަމަ ގައިމު ވެސް އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތި ވިދާޅުވާ ފުޅާ މާނައިގައި ވެސް އެ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އެނބުރި ވަޑައިގަތީ ސަބަބުތަކާ ހެދި ކަމަށެވެ. އެގޮތުން އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީން ވަކިވެވަޑައިގަތް މެމްބަރުންތަކެއް އަލުން ވަޑައިގަތް ސަބަބުތަކުގެ ތެރޭގައި އެ ބޭފުޅުންގެ ދާއިރާތަކާއި ރަށްރަށަށް ތަރައްގީ ގެނެވެން އޮތީ އެމްޑީޕީއާ އެކީގައި ކުރިއަށް ގޮސްގެން ކަމަށް އެ ބޭފުޅުން ގަބޫލުކުރެއްވުމާއި ދާއިރާގެ ރައްޔިތުން ވެސް އެ ބޭފުޅުން ޕާޓީއާ ގުޅުމަށް އެދެމުން ދިއުން ހިމެނެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވިންދާއި އިހުސާސާ އެއްގޮތަށް މަސައްކަތް [ކުރައްވާ ބޭފުޅުން]. ހަގީގީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވެއްޖެއްޔާ ކަން ކުރައްވަން ވާނީ އެހެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިސްތަށިފުޅުގައި ނަޝީދު ރިޝްވަތުގެ ތުހުމަތު އެޅުއްވީ މިދިޔަ ހަފުތާގައި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެންނެވެ. އޭނަ އަކީ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެކެކެވެ.

ޝިޔާންގެ އިތުރުން ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.