ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ، މާލެ ގޯތި ދޫކޮށްލަން ފަސް އަހަރުގެ މުއްދަތެއް ދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބަންޑާރަ ގޯތި ލިބުނު މީހުންގެ ނަމުގައި މިހާރު އޮތް ބަންޑާރަ ގޯތި ދޫކޮށްލަން ފަސް އަހަރުގެ މުއްދަތެއް ދޭ ކަމަށާއި "ބިންވެރިޔާ" ސްކީމްގެ އެއް ޝަރުތަކީ ވެސް މާލޭގައި މިހާރު މާލޭގައި ގޯއެއްޗެއް އޮތް މީހެއް ނަމަ ނުވަތަ ގޯއްޗަކުން ވާރުތަވާ ބައެއް އޮތް ނަމަ އެ ބައި ދޫކޮށްލަން އެއްބަސްވުން ކަމަށެވެ.
ކުރިން އޮތް ގޮތުން ލިބުނު ގޯއްޗާ އެކީ ކުރީގެ ގޯތި ދޫކޮށްލަން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާތާ ދެ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ މުއްދަތު ފަސް އަހަރަށް ބަދަލުކުރީ އާބާދުނުވާ ސަރަހައްދަކުން ގޯތި ލިބުނު މީހުންނަށް އެއީ އިންސާފުވެރި މުއްދަތެއް ނޫން ކަމަށް ބުނެ ފާޅުކުރަން ފެށި ހިތްހަމަނުޖެހުންތަކާ ހެދި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއް ނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތައް ސަރުކާރުން ބަދަލު ގެންނަވައި މިހާރު ހަމަޖައްސަވާފައި ވަނީ ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ތެރޭގައި ގޯތި ދޫކޮށްލުމަށް ކަމަށެވެ.
އެހެންވެ އެ ބަދަލު އެއްބަސްވުމުގައި ހިމަނައި އެކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ. މި ތަންތަނުން ދޫކުރާ ގޯތިތަކަށް ބަލާ އިރު، އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ 4،000 އަކަފޫޓެވެ. އަދި އެންމެ ކުޑަ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ.
"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.