މީގެ ތިން އަހަރު ކުރިން ފެށިގެން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 28 ގަ އެވެ. އައްޑޫގައި ތަރައްގީކޮށްފައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގައި އޮތް 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. އެތަން ކޮވިޑާ ވިދިގެން 2020 ގެ އޮގަސްޓް މަހުގެ ފަހުކޮޅުގައި ބަމްދުކުރި ގޮތަށް އޮތީ އަދިވެސް އަލުން ނުހުޅުވި އެވެ.
އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.
މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޝަންގްރިލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިހާރު ނައްތައިލެވިއްޖެ ކަމަށާއި ދެން ޝަންގްރިލާ އިން ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާ ހުއްދަތަކާއި އިދާރީ އެހެން ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ. ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ޝަންގްރިލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވީ ސަރުކާރުގެ ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެއް ކަމަށާއި ރިސޯޓު ވީ އެންމެ އަވަހަކަށް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ 70 މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. ނަމަވެސް ހިއްސާ ދޫކޮށްލުމުގައި ހިމެނޭ މާލީ ކަންކަމާ ގުޅޭ ތަފުސީލެއް ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރި އިރު ހާމައެއް ނުކުރެ އެވެ.
މައުސޫމް ވިދާޅުވީ އޭގެ ތަފުސީލު ދެވޭނީ ފިނޭންސް މިނިސްޓްރީއަށެވެ. އޭނަ ވިދާޅުވެފައި ވަނީ ޝަންގްރިލާ އިން މިހާރު ވެސް ކުލީގެ ގޮތުގައި އަހަރަކު 800،000 ޑޮލަރު ދައްކާ ކަމަށާއި ސަރުކާރުގެ ހިއްސާ އޮތުމުން އޭގެން ބައެއް ދައުލަތަށް ގެއްލޭ ކަމަށެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ އައްޑޫގައި ހުޅުވި ދެވަނަ ރިސޯޓެވެ. ގަން އެއާޕޯޓުން ފުރައިގެން ލޯންޗްގައި ފަސް ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓަކީ 132 ވިލާގެ ތަނެކެވެ.