ރާއްޖޭގެ ރައީސުކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މާޒީގައި އެ މަނިކުފާން އެންމެ ނިކަމެތި ކުރި އެއް ބަޔަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ރައްޔިތުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވައްޓާލުމަށް ފަހު އުފެދުނު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކައި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަަވެސް ޑރ. މުއިއްޒު މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު އައްޑޫގައި ފައްޓަވާފައިވާ މަސައްކަތްތައް ހުއްޓުވާލުމަށެވެ.
ނަޝީދުގެ ވެރިކަމުގައި އައްޑު އަށް ގިނަ މަޝްރޫއުތަކެއް ފެއްޓެވި އެވެ. ނަޝީދުގެ ވިސްނުންފުޅު ހުރީ 17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ފަށައި ގަތުމަށެވެ. އެގޮތުން ސާކު ސަމިޓަށް ކޮންވެންޝަން ސެންޓަރު އަޅައި އެ ސަރަހައްދުގެ މަގުތައް ހަދައި، އައްޑު އަށް ފެނާއި ނަރުދަމާގެ ހިދުމަތް ފެށި އެވެ. އެ މަސައްކަތުގެ ތެރެއިން ހިތަދޫ މާމެންދޫ ސަރަހައްދުގެ މަގު ހަދައި، ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށި އެވެ.
ނަމަވެސް މުއިއްޒު ވަނީ ވަހީދުގެ ސަރުކާރުގައި ކޮންވެންޝަން ސެންޓަރުގެ ބާރު މާލޭގައި ހުންނަވައި ހައުސިން މިނިސްޓްރީގެ ދަށައް ގެނެސް އެތަން ސިފައިންނާ ހަވާލުކުރި އެވެ. ތަން ވީރާނާވެ ތަނުގެ ސާމާން ރޫޅާލައި ބައެއް ތަކެތި މާލެ ގެންގޮސް އަނެއްބައި ތަކެތިން ވައްކަންކޮށް ތަން ލޫޓުވީ މުއިއްޒުގެ ބެލުމުގެ ދަށުންނެވެ.
މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގު ހަލާކުކޮށްލުން
ޑރ. މުއިއްޒުގެ ބެލުމުގެ ދަށުން އައްޑޫގެ މަގުތައް ހެދުމުގެ ބަދަލުގައި ފެނިގެން ދިޔައީ މަގު ހަލާކު ކުރަން ފެށި މަންޒަރެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހަދަން ފެށި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑު މަގު ހަދައި ނިމި ބޭނުން ކުރަންފެށިތާ ކުޑަ ދުވަސްކޮޅެއް ފަހުން ރައީސް ޔަމީންގެ ވެރިކަމުގައި ނަރުދަމާ އެޅުމުގެ ނަމުގައި ޑރ. މުއިއްޒު އިސްވެ ހުންނަވައި މަގު އެއްްކޮށް ކަހާލައި، މަގު މެދުން ކޮނެ، މަގުގެ ބޭނުން ރައްޔިތުންނަށް ނުކުރެވޭ ގޮތް ހެދިއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރު ނިމިގެން ދިޔައީ އެމަގު ރައްޔިތުންނަށް ބޭނުން ނުކުރެވިއެވެ.
އައްޑޫ މަގު ހަދަން ބުނެ ހެދީ ހުސް ދޮގު
މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެ މަނިކުފާން ހޭދަކުރެއްވި 7 އަހަރުގައި ކޮންމެ އަހަރަކު ވެސް އައްޑޫގެ މަގު ހަދާނެ ކަމަށާއި މަގު ހަދަން ބަޔަކާއި ހަވާލު ކުރާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވުން ނޫން ކަމެއް ކުރައްވައިފައެއް ނުވެ އެވެ.
އޭނަގެ މިނިސްޓަރުކަމުގައި ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލަށްދާ މަގު އަދި ފޭދޫ ބަނަދަރު މަތީގެ ތަންކޮޅެއްގެ އިތުރުން ފޭދޫ ރަށް ދެބައި މަގުގައި ތާރަކޮޅެއް އެޅި އެވެ. އަދި ހުޅުދޫ/މީދޫގެ ބައެއް މަގުތަކުގައި ގާ އަތުރައި ހެދި އެވެ. އެއީވެ ސް އޭރު އައްޑޫ ތަމްސީލު ކުރެއްވި ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ފޭދޫގެ ކުރީގެ މެމްބަރު އިބްރާހިމްދީދީ (އައިބީ) ގެ ބާރުން ކިރިޔާ ކުރެވުނު ވަރެވެ.
ބަނދަރުތައް ވީރާނާ
މުއިއްޒުގެ މިނިސްޓަރުކަމުގެ ދުވަސްވަރު އައްޑޫގެ ގިނަ ބަނދަރުތައް ވީރާނާވެ ބައެއް ބަނދަރުތައް ބޭނުން ނުކުރެވި ރައްޔިތުން ޝަކުވާކުރި އެވެ. ނަމަވެސް އެ އަޑު އެ މަނިކުފާން އައްސަވާފައެއް ނުވެ އެވެ.
ދެހާސް އަށާރައި ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑު އަށް ވަޑައިގެން މަަރަދޫފޭދޫ ބަނދަރަށް ޒިޔާރަތްކުރައްވައި ވިދާޅުވީ އެ ބަނދަރު ހައްދަވާނެ ކަމަށެވެ. މީދޫ ބަނދަރު ވެސް އޮތީ އޭރު އެ ހާލަތުގަ އެވެ. އަދި ހިތަދޫ ބަނދަރުގެ ވާހަކަ ނުވެސް ދައްކަ އެވެ.
ކޮންވެންޝަން ސެންޓަރު ރޫޅާލައި ތަނުގެ ސާމާން ހަލާކުކޮށްލުން
މުއިއްޒުގެ ބާރުގައި އައްޑޫގައި ހިންގުނު "ންމެ ބޮޑު މަޝްރޫއު" އަކީ ދައުލަތުގެ ހަރަދުގައި ހެދި ކޮންވެންޝަން ސެންޓަރު ރޫޅާއިލުމެވެ.
ހައުސިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށް އެތަން ރޫޅާލައި ގެންދިޔަ ބައެއް ތަކެތި މާލެއަށް އަނެއް ބައި ސާމާން ގެންދިޔައީ ހިތަދޫ އޮފީސް ބިމުގައި ހެދި ވަގުތީ ގުދަނަކަށެވެ. އެތަނަށް ގެންދިޔަ ތަކެތި ހަލާކުވެ ބޭނުން ނުކުރެވި އެތައް މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވަނީ ލިބިފަ އެވެ.
އައްޑޫގައި އަޅަން ނިންމި 1500 ހައުސިން ޔުނިޓުގެ އެއްބައި މާލެ އަށް!
ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ހައުސިން ޔުނިޓު ހެދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފޭދޫގައި ފްލެޓު އަދި ރޯހައުސް ހަދަން އޮތީ ފަށައިފަ އެވެ. އެ މަނިކުފާންގެ ވެރިކަން ނިމި ޑރ. ވަހީދުގެ ސަރުކާރުގައި މުއިއްޒު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް އިރު ފޭދޫ ހައުސިން ޔުނިޓުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. އޭރުވެސް އައްޑޫގައި 1،500 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 750 ހައުސިން ޔުނިޓު ހުޅުމާލެ އަށް ބަދަލުކުރީ މުއިއްޒެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތް އައްޑޫގައި އަޅަން ނިމި ފައިސާ ހަމަޖެހިފައިވާ މަޝްރޫއުގެ ދެ ބައިކުޅަ އެއްބައި ހުޅުމާލެއަށް ބަދަލު ކުރީ ރައްޔިތުން އަހާލުމެއް ކަހާލުމެއް ނެތި ބާރުގެ ބޭނުންކޮށްގެންނެވެ. މި ހުރިހާ ކަމެއް މުއިއްޒު ކުރަވަމުން ގެންދެވީ އައްޑޫ ރައްޔިތުން ތިބި ހާލު ބެއްލެވުމެއް ނެތި އެވެ.
ހައުސިން މިނިސްޓަރގެ މަގާމުގައި 7 އަހަރު ހޭދަ ކުރެއްވީ އައްޑޫގެ ތަރައްގީ އަކީ ނެތް އެއްޗެއް ކަމަށް ހައްދަވައި ހުންނަވަ އެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެ މަނިކުފާން އައްޑޫގައި ވިދާޅުވީ އައްޑޫ ތަރައްގީ ކުރައްވާނީ އެމަނިކުފާން ކަމަށެވެ.
ނަމަވެސް ފަސް އަހަރު ފަހުން އެމަނިކުފާން އައްޑު އަށް ވަޑައިގެންނެވި އިރު އައްޑޫގެ ޗާޓު މި ވަނީ ބަދަލުވެފަ އެވެ.