ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާމަސޫޓިކަލް ކުންފުނި ކަމަށްވާ އެސްޓްރާ ޒެނެކާގެ ރާއްޖޭގެ އެކްސްލޫސިވް ޑިސްޓްރިބިއުޓަރަކަން އެސްޓީއޯ ހަމަޖައްސައިފިއެވެ.
އެސްޓީއޯއިން އެސްޓްރާ ޒެނެކާގެ އުފެއްދުންތައް ތައާރަފްކޮށް އެކްސްލޫސިވް ޑިސްޓްރިބިއުޓަރކަން ހޯދާފައިވާއިރު އެކަން، ފާހަގަކޮށް ކުރުނބާ މޯލްޑިވްސް މިއަދު ވަނީ ހާފްލާއެއް ބާއްވާފައެވެ. މި ރަސްމީއްޔާތު ޝަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަހުމަދު އާދިލްއެވެ. ރަސްމީއްޔާތުގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދުއާއި، އެސްޓްރާ ޒެނެކާގެ ބިޒްނަސް މެނޭޖަރ އަބިޝެކް ކައުޝިކްގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ވަނީ ބައިވެރިވެވެޑައިގެންފައެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއްކަމަށެވެ.
We proudly present #AstraZeneca's product portfolio to the Maldives, featuring a range of #innovative medicines in #Diabetes, #Respiratory, #Oncology, #Gastroenterology, & #Cardiology.
Our partnership is dedicated to enhancing treatment options for patients across the nation. pic.twitter.com/J7bFD7jSeG
— STO Medical Services (@StoMedical) September 2, 2023
ކޯވިޑު ތެރޭގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވި އެސްޓްރާ ޒެނެކާގެ އެކްސްލޫސިވް ޑިސްޓްރިބިއުޓަރެއްގެ ހާއިސީއްޔަތުން އެސްޓީއޯއަށް، ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ޚަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އެސްޓްރާ ޒެނެކާ ފަދަ ކުންފުންޏަކުން ބޭސް އެތެރެކުރުމުން، އެސްޓީއޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ކޮލިޓީ ރަނގަޅު ކުރެވި، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެކުންފުނިން ޤަބޫލު ކުރެއެވެ.
އެގޮތުން އާސަންދައިގެ ދަށުން އެކުންފުނީގެ 14 ބޭހެއް ލިބޭނެ ގޮތަށް މިހާރުވެސް ރެޖިސްޓްރީ ކުރެވިފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައްވެސް ހިމެނެއެވެ. އެސްޓްރަޒެނީކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި، އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ ފާހަގަ ކުރިގޮތުގައި، އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރުކޮށް ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެކުންފުނިން ޤަބޫލު ކުރެއެވެ.
މިފަހަކަށް އައިސް ދިވެހިން ބޭނުން ކުރާ ބޭހުގެ ކޮލިޓީއާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ބޭރު ޤައުމުތަކުން ލިބޭ ބޭހުން އަވަހަށް ރަނގަޅުވާއިރު، ރާއްޖެއިން ލިބޭ ބޭހުން ނަތީޖާ ފެންނަލެއް ލަސްވެ އަސަރެއް ވެސް ބައެއް ފަހަރަ ނުކުރާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައެވެ. މިހެން ދިމާވަނީ ތިންވަނަ ފަރާތެއް މެދުވެރިވެ ރާއްޖެ ކޮލިޓީ ކޮންޓްރޯލް ނުކުރެވޭ ބޭސް އެތެރެވުމުން ކަމަށް މި ދައިރާގެ ބައެއް ފަރާތްތަކުން ބުނެއެވެ.
އެސްޓީއޯއިން ދަނީ ސީދާ ބޭސް އުފައްދާ 26 ކުންފުންޏަކާއި އެކު އެއްބަސްވުން ހަދައި މިހާރުވެސް މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖެއަށް ރަނގަޅު ކޮލިޓީގެ ބޭސް އެތެރެކޮށް އާންމުކޮށް ބޭނުން ކުރާ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަޤީންކަން އިތުރުކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ މުހިންމު ބާރެއް ކަމަށް އެކުންފިނިން ބުނެއެވެ.