Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ހަންކެޑެ ދިމާލުން ހިއްކި ހިތަދޫ ޒޯން 2 ލޭންޑް ޔޫޒް ޕްލޭން ހަދަނީ

ހިތަދޫ ޒޯން 2 ހިއްކުމުގެ ތެރެއިން --

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހަންކެޑެ އުތުރުން ހިތަދޫ ޒޯން 2 ހިއްކި ބިމުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިގުތިސާދީ ކަންކަމަށް ހާއްސަކޮށްގެން އެ ސަރަހައްދުން 50 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. ހިތދޫ ޒޯން ދޭ ސަރަހައްދުން ހިއްކާފައިވާ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުންތަކަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު މި ސަރަހައްދުން ބީޗު ނެގުމަށްވެސް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ކައުންސިލުން އިއްޔެ އާންމުކުރި ވީޑިއޯއެއްގައި މޭޔަރު ވިދާޅުވީ ހަންކެޑެ ސަރަހައްދަކީ މިހާރު ރާއްޖޭގެ ރަށަކުން ލިބޭނެ އެންމެ ހިތްގައިމު ބީޗް ވެސް ލިބެން އޮތް ސަރަހައްދު ކަމަށެވެ.

"މި ސަރަހައްދު ފަތުރުވެރި ކަމަށް ޓާގެޓްކުރެވޭ އިރު މި ވަގުތު އަޅުގަނޑުމެން މި ސަރަހައްދުގެ ބިން ޕްލޭންކޮށް، ލޭންޑް ޔޫޒް ޕްލޭން ހެދުމަށްޓަކައި ކައުންސިލުން މި ދަނީ މަސައްކަތްކުރަމުން." ނިޒާރު ވިދާޅުވި އެވެ.

ހންކެޑެ ސަރަހައްދުން ހިތަދޫ ޒޯންގެ އިތުރުން ސީދާ ހަންކެޑެ އަކީ އިންޓަގްރޭޓް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ހަމަޖެހިފައިވާ ތަނެކެވެ. އެރަށަށްވެސް 4 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. އެރަށް ތަރަައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެމްސީ) އިން މި އަހަރުގެ މާޗް މަހުގެ 30 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފައިވެ އެވެ.

ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ޖުމްލަ 1،041 ކޮޓަރި ހިމެނޭ ގޮތަށެވެ. އަދި ސީދާ ހަންކެޑެއިން ޓުއަރިޒަމް ބޭނުމަށް ވަކިން 4 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ސަރަހައްދު ތަރައްޤީ ކުރާނެ ގޮތުގެ ކޮންސެޕްޓް ތައްޔާރު ކުރެވިފައިވާއިރު، މި ސަރަހައްދުގައި ހޮޓެލްތަކާއި ފިހާރަތައް ފަތުވެރިކަމަށް އެކި ވަސީލަތް ތަރައްޤީ ކުރެވޭނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އަކީ ނެދަލޭންޑްސްގެ ވެން އޫޑްއާ ހަވާލުކޮޑްފައި އޮތް މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ތެރެއިން ހިއްކާ ހިއްކި ބިންތަކުގެ ތެރޭގައި ޓޫރިޒަމަށް ހާއްސަކޮށްގެން މުޅިން އަލަށް ހިއްކި ތިން ރަށެއް ވެސް ހިމެނެ އެވެ.

މޭޔަރު ވިދާޅުވީ އައްޑު އަށް އިތުރުކުރެވޭ ބިމާ އެކީ ކުރިއަށް އޮތް 50 އަހަރަށް ގޯއްޗާއި ސިނާއީ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ބިން ފަހިވެގެން ދާނެ ކަމަށެވެ.