އޭނަ އަކީ ދެފުށްކެހެރިއެއް ނޫން ކަމަށާއި ސާބިތުގެ ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީގައި ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނަ މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ގާސިމު އިބްރާހީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ނ. ޅޮހީގައި ގާސިމް ވަނީ ރައީސާ އެކީ ސިޔާމު މި ވަގުތު ހުންނެވި ނަމަވެސް އޭނަގެ ހިތް އޮތީ ގާސިމާ އެކީ ކަމަށް ވިދާޅުވެފަ އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި ނ. ޅޮހީގައި ސިޔާމު އިއްޔެ ވިދާޅުވީ ގާސިމު ހައްދަވަނީ ހުސް އިތުރުފުޅުކަމަށާއި، ރައީސް ސޯލިހު ދޫކުރައްވައި އެހެން ދިމާލަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"ގާސިމްއޭ ދޮގު ތިވަރަށް ނުހައްދަވާށޭ. އަޅުގަނޑު މީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި." އޭނަ ވިދާޅުވި އެވެ.
ސިޔާމް އަދި ވަނީ ރައީސްގެ ފަހަތަށް ގާސިމް ވަޑައިގަތުމަށް ވެސް ގޮވާލައްވައިފަ އެވެ.
"ރަހުމަތްތެރިޔާއޭ އަޅުގަނޑުމެންނާ ގުޅެން އަންނާށޭ." ސިޔާމު ވިދާޅުވި އެވެ.
ސިޔާމުގެ އެމްޑީއޭ އަކީ މި ފަހަރު އަލަށް އެމްޑީޕީއާ އެކީ ކޯލިޝަން ހެދި ޕާޓީއެކެވެ. އެ ކޯލިޝަންގައި ދެން ހިމެނެނީ 2018 ގައި ހެދި ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީ އެވެ. ޖޭޕީ އަކީ ވެސް އެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެކަމަކު މި ފަހަރު ކޯލިޝަން އާކުރަން ދިން ދައުވަތު ގަބޫލު ނުކޮށް ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ނިންމީ އެވެ.
ގާސިމް މި ވަގުތު ހުންނެވީ ކެމްޕޭނަށް އައްޑޫގަ އެވެ. އޭނަ އައްޑު އަށް ވަޑައިގަތީ ރެ އެވެ.