އައްޑޫން ޓޫރިޒަމަށް ހިއްކި ރަށްތަކަށް ކިޔާނެ ނަންތައް ފާސްކޮށްފި އެވެ.
ހިއްކި މި ތިން ރަށަށް ނަން ކިޔާފައި ވަނީ ކިޔާނެ ނަންތަކެއް ހޯދަން އޮންލައިންކޮށް އާންމުންނަށް ފުރުސަތު ވެސް ހުޅުވައިލުމަށް ފަހު އެވެ. އެގޮތުން ތިން ރަށަށް ދިން ނަންތަކަށް ބަލާ އިރު، ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ ދޮންދީނިހެރަ އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ކިޔަމީ ބޮލިހެރަ އެވެ. މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ ދޮންހެރަ އެވެ.
ރަށްތަކަށް ކީ ނަންތައް ކައުންސިލުން ހިއްސާކުރީ މިއަދު ހެނދުނު ބޭއްވި ކުއްލި ކައުންސިލްގެ ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރަށްތަކަށް ކިޔާނެ ނަންތައް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވައިލުމުން 60 މީހަކު ނަންތައް ހުށަހެޅި ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި ރަށްތަކަށް ކިޔާނެ ނަންތައް ހޮވައި، ނަންތައް ފާސްކުރީ ރަށްތައް ޓޫރިޒަމަށް ތަރައްގީކުރަން ވީހާ ވެސް އަވަހަކަށް ހުޅުވައިލުމުގެ ގޮތުންނެވެ.
ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން މުޅިން އަލަށް ތިން ރަށް ހިއްކީ ބިން ހިއްކަން ފެށި ބޮޑު މަޝްރޫއުގެ ތެރެއިންނެވެ. އެ މަސައްކަތްކޮށްފައި ވަނީ ނެދަލޭންޑްސްގެ ވެން އޫޑް އިންނެވެ.