Last Updated: November 29, 05:46
Friday, November 29, 2024
ޚަބަރު

މުއިއްޒަށް ވެރިކަން ދިނުމަކީ އިޔާދަ ނުކުރެވޭނެ ގެއްލުމެއް

ގައުމުތަކާއި ޖަމިއްޔާތަކާ ގުޅުން ކަނޑާލުމުގެ ވިސްނުމާއި ގައުމުތަކުގައި އެހީގައި ހިންގާ މަޝްރޫއުތައް ހުއްޓުވައިލާނެކަމުގެ އިންޒާރު ދެއްވާ ބޭފުޅަށް ގައުމުގެ ވެރިކަން ދީފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވިދާޅުވެ ޕީއެންސޯގެ ރިޔާސީ ކެންޑިޑޭޓް ޑރ،. މުހައްމަދު މުއިއްޒަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ފާޑު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގައި މުއިއްޒު އިއްޔެ އިންޑިއާގެ ކުންފުނިތަކަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ލާމެހިފައިވާ ދުނިޔެއެއްގައި އަދި އެއް ގައުމުގެ ވިޔަފާރި އާއި ގައުމުތައް ގުޅިފައިވާ ގޮތާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ކުޅިބައި ހިނގަމުންދާ ގޮތުގެ ހަގީގަތްތައް މުޢިއްޒަށް ފަހުމު ނުވާ ކަމަށެވެ.

"އެހެންކަމުން އެފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުން ޤައުމަށް ވުމުގެ ފުރުސަތު ބޮޑު." އޭނަ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ހެދި ގޮތަށް މުއިއްޒު ވެސް ވެރިކަމަށް ވަޑައިގެން ކޮމަންވެލްތާއި އީޔޫ ފަދަ ޖަމާޢަތްތަކާ ގުޅުން ކަނޑައިލާނެ ކަމަށެވެ. އެހެންވެ އެއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަވައްޓެރި އިންޑިއާއާ ގުޅުން ކަނޑާލައި އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތައް ހުއްޓާލުމަކީ ފައިދާ ހުރި ގޮތެއް ނޫން." އޭނަ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ އިގުތިސާދީ ތަރައްގީ އާއި ގައުމުގެ މަސްލަހަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހެން ގައުމުތަކާ، ވަކިން ހާއްސަކޮށް އަވަށްޓެރި ޤައުމުތަކާ ރަޙުމަތްތެރިކަން ބޭއްވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއާ އެކީ ރާއްޖެ އިން ގާތްް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

މަހިބަދޫގައި މުއިއްޒު އިއްޔެ އިންޑިއާ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ހުރަސް އެޅޭ މަޝްރޫއުތައް ބާތިލުކުރައްވާނެ ކަމަށެވެ. އޭނަ ވިދާޅުވީ ބައެއް މަޝްރޫއުތަކުގެ އަޑި ނޭނގޭ ކަމަށާއި އެހެން ހުރި މަޝްރޫއުތައް ބަލައި އިހުތިޔާރު ކުރާނީ އެކަމުގައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް ކަމަށެވެ.

"މިސާލަކަށް އުތުރުތިލަފަޅުގެ މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ވިޔަސް، އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން." މުއިއްޒު ވިދާޅުވި އެވެ.