އދ. މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެ ރަށު ކައުންސިލުން ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.
އައިކެއާ ޕްރައިވެޓު ލިމިޓެޑްގެ ފަރާތުން މަންދޫގައި ގާއިމް ކުރި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްޓެލްކޯގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އެވެ. މަންދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ނައިބު ރައީސް، އިބްރާހިމް ހުސައިން އެވެ.
މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްފައި ވަނީ އައިކެއާ ޕްރައިވެޓު ލިމިޓެޑުގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން، އޯގަސްޓު 17، 2016 ގައި އެ ރަށު ކައުންސިލާ ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެރަށުގައި އެ ފެނާއި ނަރުދަމާގެ ހިދްމަތް ފެށުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ބޮޑު އެހީތެރިކަމާއި އެކު ކަމަށެވެ. އަދި އެޝަރީފު އެރަށާއި މެދު ބަހައްޓަވާ ގާތް ކަމަށް ކައުންސިލްގެ ނައިބް ރައީސް ޝުކުރު ދެންނެވިއެވެ.
މަންދޫގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕުލާންޓާއި 74 ޓަނުގެ ދެ ސްޓޯރޭޖު ހުރެ އެވެ. އެ ޕުލާންޓުތަކުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާނެ އެވެ.
ޝަރީފް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް އަސްލު ބޭނުންވާ މިންވަރަކީ ދުވާލަކު 35 ޓަނުގެ ފެން ކަމަށާއި އެ އަދަދަށް ފެން އުފެއްދުމަށްޓަކައި އެ ސިސްޓަމުން ދޭ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ހަވާލުވުމުގެ އުފަލުގައި އެރަށު ރައްޔިތުންގެ ތެރެއިން ކޮންމެ ކޮންޒިއުމާއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފަ އެވެ.