Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ތިން މަސްތެރޭ ކާޑެއްދޫ އެއާޕޯޓްގެ ތަރައްގީ ފަށާނަން

ވެރިކަމަށް ވަޑައިގެން ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ފައްޓަވާނެ ކަމަށް އެ އެއާޕޯޓް ހިންގާ އަދި ވިލާ އެއާގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އޭނަ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީނުކުރެވި ފުރަތަމަ ލަސްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިފައިން ގޮސް ގަދަކަމުން އެތަނުން ވިލާ ކުންފުނި ބޭލުމުން ކަމަށެވެ. އެރަށުން ފައިބައިގެން ދިޔައިރު ކުޑަމިނުން ފަންސޫރެއް ވެސް ނުގެންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ އެއާޕޯޓް ތަރައްގީ ނުކުރެވި އޮތް ބަހަނާތަކެއްގެ ގޮތުގައި ގާސިމު ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މި ސަރުކާރު ވެސް ފުރަތަމަ ވެރިކަމާ ހަވާލުވެ، އެތަން ވިލާ އަށް ނުދިނުމާއި ފަހުން އެއާޕޯޓް ހަވާލުކުރި ފަހުން އަދި އަހަރެއްހާ ދުވަސްވުމާއި އޭގެ ފަހުން ކޮވިޑާ ގުޅިގެން ދިމާވި ދަތިތައް ހިމެނެ އެވެ.

ވިލާ އެއާ އަށް އަލުން ކާޑެއްދޫ އެއާޕޯޓް ލިބުނީ ޝަރީއަތުގެ ތިން މަރުހަލާއަކަށް ފަހު އެވެ.

"އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ކުރިއަށް އޮތް ތިން މަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި އެ ރަށަށް ބޭނުންވާ [2800 މީޓަރުގެ ދިގު] ރަންވޭ އެޅުމަށް، އެއީ ވައިޑް ބޮޑީ އެއާކްރާފްޓު ޖެއްސޭ ވަރުގެ ރަންވޭއެއް އެޅުމަށް، ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް އަޅުގަނޑު ފައްޓާނަން." ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުގެ ޑްރެޖަރު އަންނާނެ. ސަރުކާރުގެ އޮތް ވަރަށް ވުރެ މާ ފުރިހަމަ ބޮޑު ޑްރެޖަރެއް އަޅުގަނޑުގެ އޮންނާނެ. އެ ޑްރެޖަރު ގެނެސް އެ މަސައްކަތް ފައްޓާނަން އިރާދަކުރެއްވިއްޔާ ގިނަވެގެން ތިން މަސްތެރޭ."

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ޔާމީންގެ ވެރިކަމުގައި 2013 ގަ އެވެ. އަދި އެ ކުންފުނިން އެ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014 ގަ އެވެ. ނަމަވެސް 2017 ގައި ސަރުކާރުން އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރި އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.

އެ މައްސަލަ ވިލާ އެއާއިން ކޯޓަށްލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އަލުން ކާޑެއްދޫ އެއާޕޯޓް ވިލާ އަށް ލިބުނީ މިދިޔަ އަހަރުގެ މާޗް 1 ގަ އެވެ.