އައްޑޫ ތަރައްގީ ކުރައްވާނީ އޭނަ ކަމަށާއި ރިޔާސީ އެހެން ކެންޑިޑޭޓުން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ހުޅިދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޭ ހިތަދޫ ފްލެޓް ސަރަހައްދުގައި ބޭއްވި ކަމްޕޭން ޖަލްސާގައި ވިދާޅުވީ އޭނަ އަކީ އައްޑު އަށް އުފަން ދަރިއެއް ކަމަށާއި އެތަނުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނަ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރައްޔިތުން މިހާރު ތައްޔާރަށް ތިބީ އަންނަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެއަށް ފޮނުވައިލަން ތައްޔާރުވެގެން ކަމަށެވެ. އެހެންވެ ރައީސާއި މި ސަަރުކާރުން ވެރިކަމުގެ ދެވަނަ ދައުރެއްގެ ވާހަކަ އާއި އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުން ތިބީ އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ރައީސް "ގެއަށް ފޮނުވާލަން" ތައްޔާރަށް ކަމަށެވެ.
"މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެ، ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، އައްޑޫ ތަރައްގީކުރަން ނޭނގޭ ބަޔަކަށް ނޭނގޭނެ ކަމަށާއި އޭނާ އަންނަނީ އެކަން ކުރަން ކަމަށެވެ. އަދި، އެކަން ކުރާނެ ގޮތް އޭނާއަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ވެސް އައްޑޫއަށް އުފަން އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑު މި އަންނަނީ އެކަން [ތަރައްގީ] ކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްފައި ތިބޭފުޅުންނަށް ދައްކާނަން، އަޅުގަނޑުމެންނަށް އެނގޭ އެކަން ކުރެވޭނެ ގޮތް،" އިލްޔާސް ވިދާޅުވި އެވެ. "ފައިސާ ހޯދާނެ ގޮތް ވެސް އެނގޭ. މިތަނުގައި ފަށާނެ ގޮތާއި ގޮސް ނިންމާނެ ގޮތް އެނގޭ. ޕްލޭނެއް އެބައޮތް. މިކަން ކުރަން ނޭނގޭ ބަޔަކަށް ނޭނގޭނެ. މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެ، ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް، ނުހުންނާނެ ވަރަށް ކެރިގެން މި ދަންނަވަނީ."
އައްޑޫ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އޭނަ ތަފާތު އެކި މަޝްރޫއުތަކުގެ ވާހަކަ ވެސް ސަޕޯޓަރުންނާ ރޭ ހިއްސާކުރެއްވި އެވެ. އޭގެ ތެރޭގައި ގަން އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމާއި އައްޑޫގެ ސަރަހައްދީ ބަނދަރު ކުރިއެރުވުމާއި ޓޫރިޒަމް ދާއިރާ ފުޅާކުރުމާއި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށް ދޭން ޑިއުޓީ މާފުކޮށް ދިނުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ.
"މި އަންނަ ފަސް އަހަރަކީ ތި ބޭފުޅުންގެ އާމްދަނީ އިތުރުކުރާ ފަހަރު. ތިބޭފުޅުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާ ފަހަރު. ތިބޭފުޅުން ގެއަށް ވަންނަ ފައިސާ އިތުުރުކުރާ ފަހަރު،" އިލްޔާސް ވިދާޅުވި އެވެ. "ތިބޭފުޅުންގެ ފަހުރުވެރި ހަޔާތެއް ބިނާކުރާ ފަހަރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅުގަނޑުމެން މި އަންނަނީ ތިބޭފުޅުންނާއެކީ މި ބަދަލު ގެންނަން. މި މަސައްކަތުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން."