ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓެވެ. އޭނަ އަކީ އަމިއްލަ ގޮތުން ވާދަަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެކެކެވެ. އަދި މި ފަހަރުގެ އިންތިހާބަކީ އުމަރު ވެރިކަމަށް ވާދަކުރައްވާ ދެވަނަ އިންތިހާބެހެވެ.
އޭނަ ފުރަތަމަ ވާދަކުރެއްވީ 2008 ގަ އެވެ. އެއީ އޭރު ގެންގުޅުއްވި ޕާޓީ އައިޑީޕީގެ ކެންޑިޑޭޓްގެ ގޮތުގަ އެވެ.
މާދަމާ މުޅި ރާއްޖެ ވޯޓްލާން ތައްޔާރުވެފައިވާ އިރު، އިންތިހާބަށް ވާދަކުރައްވާ 8 ކެންޑިޑޭޓުން ވެސް މިހާރު އުޅުއްވަނީ ކެމްޕޭންގަ އެވެ. އެކަމަކު މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބެއްގައި އުމަރުގެ ކެމްޕޭންގެ މާ ބޮޑު ހަރަކާތެއް ނެތެވެ. އިންތިހާބުގައި ވާދަކުުރައްވާ ކެންޑިޑޭޑުން އެ މީހުންގެ އަނބިން ވެސް ނެރުއްވައިގެން މަސައްކަތްކުރައްވާ ތަން އެބަ ފެނެ އެވެ.
އެކަމަކު މީގެ ތެރެއިން އުމަރު ދައްކައިލީ ތަފާތެކެވެ. އަނބިމީހާގެ ބަދަލުގައި ކެމްޕޭންގެ ތެރެއިން އުމަރު ދައްކައިލީ ކާފަ ދަރިކަލުންނެވެ. އެއީ "ހައްލަކީ ކާފަ" ކަމަށް ބުނަމުންނެވެ. އުމަރުގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި އެ ޖުމްލަ ލިޔެފައިވާ ޓީޝާޓެއް ތުއްތު ކާފަ ދަރިކަލު ތުރުކުރުއްވައިގެން އުމަރުގެ ކޮނޑުމަތީގައި ވަރަށް އުފަލުން އިންނަވާ ތަން އެވެ.
މިއީ އުމަރުގެ ފުރަތަމަ ކާފަދަރިފުޅެވެ. އޭނަ އަށް އަލަށް ކާފަ ދަރިކަލަކު ލިބިވަޑައިގަތް ވާހަކަ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު ފޭސްބުކްގައި ވެސް ހިއްސާކުރެއްވި އެވެ.
ކޮންމެއަކަސް އުމަރަކީ ތަފާތު ބޭފުޅެކެވެ. އޭނަ އަކީ އަބަދު ވެސް ރިޔާސީ އިންތިހާބުތަކާ ދިމާކޮށް "ހައްލަކީ އުމަރު" ގެ ވާހަކަ "ހުދު ވަލެއް" ގެ ވާހަކަ ނިކަން ގިނައިން ދައްކަވާ ބޭފުޅެކެވެ. އަދި އުމަރަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކޮށް، ރާއްޖެ މުޅިން އަމާން ތަނަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާ ބޭފުޅެކެވެ.
ދެން އޮތީ ރައްޔިތުން މާދަމާ ވޯޓްލައި، ވެރިއަކަށް ގެންނާނެ މީހަކު ހޮވުމެވެ. ފަހަރުގައި އެއީ އުމަރުގެ ކާފަދަރިކަލުން އެދިވަޑައިގަންނަވާ ގޮތަށް ރާއްޖެ އޮތް "ހައްލަކީ ކާފަ" ކަމަށް ވެދާނެ އެވެ.