އައްޑޫގައި ރިސޯޓްތައް ތަރައްގީކުރަން އިންވެސްޓްކޮޑް ދޭން ތައްޔާރަށް ހުންނެވި ރާއްޖޭގައި ބޮޑެތި ރިސޯޓްތަކެއް ހިންގަމުން އަންނަ ސަން ގްރޫޕްގެ ވެރިޔާ އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްގީވެ، ފުޅާވުމަކީ ރައްޔިތުން ވަރަށް އެދޭ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންވެ އައްޑޫ ރައްޔިތުންނަށްޓަކައި ޓޫރިޒަމަށް އިންވެސްޓްކޮށް ދެއްވާނެ ކަމަށް ސިޔާމު ވިދާޅުވި އެވެ.
"އިންވެސްޓްމަންޓެއް ނައިސްފިކަަމަށް ވަންޏާ ސީދާ ޚުދު އަޅުގަނޑު ވެސް އައްޑޫގެ ރައްޔިތުންނަށް އެ ރިސޯޓުތައް ހަދައި ދޭނަން." އައްޑޫގެ ރިސޯޓް ތަރައްގީކުރަން ހާއްސަކޮށްގެން ހިންގި ތިން ރަށަށް އިޝާރާތްކުރައްވައި އޭނަ ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ކަމަށް ރިސޯޓް ކަމަށްވާ ކުރީގެ ހެރަތެރަ އަދި މިހާރު ކެނަރީފަކީ ވެސް އޭނަ އިންވެސްޓްކުރުމުހައި ހިއްސާވި ރިސޯޓެއް ކަމަށެވެ. އެއީ 2007 ގައި ހުޅުވި ރިސޯޓެކެވެ.
"ސީދާ އަޅުގަނޑާއި އިތުރު ބޯޑް މެމްބަރުންތަކަކާއެކު އެކަން ކުރީ. އަޅުގަނޑުމެން އެ ތަން ހެެދީ. އެ ތަން ހަަދައި އެއް އަހަރު ދުވަހު ހިންގީމު،" ސިޔާމް ވިދާޅުވިއެވެ. "އެއާއެކު ފަހުން އެތަނުގެ ހިއްސާ އެއްކޮށް އެ ފަރާތަށް ވިއްކައި ކުރި އިންވެސްޓްމަންޓުގެ ފައިދާ ފަހުން ހޯދީ."
އޭނަ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގައި ޓޫރިޒަމް ފުޅާވާނެކަމަށާއި އެކަން ހަގީގީ މަންޒަރަކަށް ވާނެ ކަމަށެވެ. އެގޮތުން ރައީސްގެ ދެވަނަ ދައުރުގައި އިގްތިޞާދީ ބޮޑު ބަދަލެއް ދެން އަންނަ އިރު އައްޑު އަކީ ޓޫރިޒަމްގެ ބޮޑު ޑެސްޓިނޭޝަނަކަށްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތަތައް އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ." އޭނަ ވިދާޅުވި އެވެ.
ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން ހިއްކި ތިން ރަށް ތަރައްގީކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ހުޅުވައިލަން ހަމަޖެހިފައިވެ އެެވެ.