މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވޯޓް ލައްވައިފި އެވެ.
މުއިއްޒަކީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން ވޯޓް ލެއްވި ދެވަނަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ވޯޓްލެއްވި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. ވޯޓް ލެއްވުމަށް ފަހު މުއިއްޒު ވަނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގެންވފަ އެވެ. އަދި ހަވީރު 4:00 އަށް ޖަހަންދެން މަޑުނުކޮށް ވޯޓު ލުމުގެ ގާނޫނީ ވާޖިބު ވީހާ އަވަހަކަށް އަދާކުރުމަށް ވެސް އެދިވަޑައިގަތެވެ.
މުއިއްޒު ވޯޓް ލެއްވި އިރު، ހެނދުނު 8:00 ގައި ވޯޓްލާން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނަގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވެސް ވަނީ ވޯޓްލައްވައިފަ އެވެ.
* އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:
1. އުމަރު ނަސީރު (މިނިވަން ކެންޑިޑޭޓެއް)
2. ހަސަން ޒަމީލު (މިނިވަން ކެންޑިޑޭޓެއް)
3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6. އަހުމަދު ފާރިސް މައުމޫން (މިނިވަން ކެންޑިޑޭޓެއް)
7. އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8. ކާނަލް މުހައްމަދު ނާޒިމް (އެމްއެންޕީ)