Last Updated: November 25, 11:46
Monday, November 25, 2024
ރިޕޯޓް

ލޯފަން ޒިޔާ އަށް "އަދި ކިރިޔާ ވޯޓެއް މި ލެވުނީ"

ޒިޔާ ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

އަބްދުﷲ ޒިޔާއު (ޒިޔާ) އަކީ އައްޑޫގެ ލޯފަން މީހެކެވެ. މިއަދު މި ކުރިއަށްދާ ރިޔާސީ އިންތިހާބަކީ އޭނަ ވޯޓްލި ހަތަރު ވަނަ އިން ރިޔާސީ އިންތިހާބެވެ. އެކަމަކު މިއަދު މި ލީ ވޯޓް ނޫނީ ވޯޓެއް ލެވުމުގެ އިހުސާސްވި ކުރެވުނު އެއްވެސް އިންތިހާބެއް ނެތެވެ.

މިހާތަނަށް ވޯޓްލީ ހުރިހާ އިންތިހާބެއްގައި އޭނަ ވޯޓްލީ މީހެއްގެ އެހީގަ އެވެ. ލޯފަން މީހަކަށްވާތީ މިހާތަނަށް ލެވުނު އެއްވެސް ވޯޓަކީ ވޯޓް ދޭން އެންމެ ބޭނުންވި މީހާ އަށް ދެވުނު ވޯޓެއްޓޯ ޒިޔާ އަށް މުޅިއަކުން ކަށަވަރެއް ވެސް ނޫނެވެ.

ނަމަވެސް މިއަދު ހެނދުނު މަރަދޫ އިރުޝާދުއްޔާ ސްކޫލްގެ ފޮއްޓަކަށް ޒިޔާ ވޯޓްލީ ސީދާ އަމިއްލައަށެވެ. ފާހަގަ ޖެހީ ބޭނުންވީ ކެންޑިޑޭޓާ ދިމާލުގަ އެވެ. ވޯޓް ކަރުދާހުގައި ފާހަގަ ޖަހާކަށް މި ފަހަރު އޭނަ އަށް މީހެއްގެ އެހީތެރި ކަމެއް ނުހޯދަ އެވެ.

މި ފުރުސަތު ފަހިވީ ލޯފަން މީހުން އަމިއްލަ އަށް ވޯޓްލާން އިލެކްޝަން ކޮމިޝަން އީސީ) އިން މި ފަހަރު އިންތިޒާމުކޮށް ދިން ފަސޭހައާ އެކީގަ އެވެ.

ޒިޔާ ވޯޓިން ބޫތުގައި. ފޮޓޯ/ އައްޑޫ ލައިވް

"އެހެންވެ މިއަދު މުޅިން އަލަށް އިހުސާސްކުރެވުނީ އަދި ކިރިޔާ 18 އަހަރުވެގެން އިންތިހާބެެއްގައި ވޯޓްލީ ލެވުނީ ކަމަށް." 2008 ގެ ފަހުން ވޯޓް ދެމުން އަންނަ ޒިޔާ ބުންޏެވެ.

އީސީން ލޯފަން މީހުންނަށް މި ފަހަރު ފަހިކޮށް ދިން ފުރުސަތަކީ ބްލައިންޑް އެސޯސިއޭޝަނުން އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ގިނަ މަސައްކަތަކެއް ކުރުމުގެ ނަތީޖާ އެވެ. ޒިޔާ އަކީ އެކަމުގެ ތެރޭގައި ވަރަށް ބޮޑަށް އުޅުނު އެކެކެވެ. ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓްލާން ފަހުކޮށް ދިނީ އެ މީހުންމަށް ފަސޭހަ އިން ވޯޓް ކަރުދާހުގައި ހިމެނޭ ކެންޑިޑޭޓުންގެ ނަންތަކާއި އެ މީހުންގެ ތަރުތީބު ނަމްބަރާއި ކެންޑިޑޭޓް ނަމްބަރާއި ފާހަގަ ޖަހަންވާ ދިމާ ފަސޭހަކޮށް އެނގޭގެ ގޮތް ހަދައި ދީފައި އޮތުމުންނެވެ.

އެގޮތުން ލޯފަން މީހުންނަށް ހާއްސަ ވޯޓް ކަރުދާސް ސްޓެންސިލްކޮށްފައިވާ އިރު، ބްރެއިލްއިން ނަމްބަރު އެނގޭ ގޮތާއި ފާހަގަ ޖަހާތަން ފަސޭހަ އިން އެނގޭ ގޮތަށް ކަނޑާފައި ހުރުމުން ވަރަށް ބޮޑު ފަސޭހަކައަކަށްވި އެވެ.

"އަހަރެން ކަހަލަ ބައެއް މީހުންނަށް މިއަދު މިގޮތަށް ވި ވޯޓް ލެވުނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ، މިކަމަށް ހޭނެން ވަރަށް ބޮޑަށް މަސައްކަތް ކުރެވުފައި ހުރީމަ." ޒިޔާ ބުންޏެވެ. "އެކަމަކު ލޯފަން މީހުންގެ ތެރެއިން ވަރަށް މަދު މީހަކަށް މި ފަހަރު މި ފުރުސަތުގެ ބޭނުން ހިފޭނީ."

އީސީން ފަހިކޮށް ދިން މި ފުރުސަތަށް ލޯފަން އާބާދީ އެއްކޮށް ފަރިތައެއް ނޫނެވެ. އެ އެންމެން މިކަމަށް ހޭލުންތެރިރެވިފައެއް ނެތެވެ.

"އެހެންވެ ކުރިއެކޭ އެއްގޮތަށް މީހެއްގެ އެހީގައި ވޯޓްލާ ލޯފަން މީހުން މަދެއް ނުވާނެ މި ފަހަރު ވެސް." ޒިޔާ ބުންޏެވެ.

ނަމަވެސް އޭނަ މިއަދު އެންމެ އުފާވާ ކަމަކީ ގައުމުގެ ކުރިމަގަށް ނިންމާ ވަރަށް މުހިއްމު ނިންމުމެއް އަދި ސީދާ ފަރުދީ ހައްގެއް އަމިއްލަ ބާރާއި އިހުތިޔާރާ އެކީ ނިންމަން ފުރުސަތު ލިބުނީތީ އެވެ.

"މިއީ ގައުމީ ކަމެއްގައި ސީދާ އަމިއްލަ އަށް ގޮތެއް ނިންމަން ލިބުނު ވަރަށް ވެސް ފަހި ފުރުސަތެއް،" ޒިޔާ ބުންޏެވެ. "އެކަމާ އުފާކޮށް، ޝުކުރު ވެސް ކުރަން."

އޭނަ ބުނީ އުންމީދަކީ އީސީން މި ފަހަރު ފަހިކޮށް ދިން ފުރުސަތު، ދެން ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއްގައި ވެސް ފަހިކޮށްދީ، އޭގެ ބޭނުން ވީހާ ވެސް ގިނަ ލޯފަން މީހުންނަށް ހިފޭނެ ގޮތަށް ކަންކަން އިންތިޒާމުވެގެން ދިއުން ކަމަށެވެ.