Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ދުނިޔެ ސިއްސުވާލަން ބުނި ކެންޑިޑޭޓަށް 6 ޕަސެންޓް

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދުނިޔެ ވެސް ސިއްސުވައިލައްވާނެ ކަމަށް ވިދާޅުވި ދަ ޑިމޮކްރެކްޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް އެންމެ ހަ ޕަސެންޓް ފުއްދައިލަން ޖެހިއްޖެ އެވެ.

ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ މަގާމުގައި ވެސް ހުންނެވި އަދި އެ އަވަށަށް އުފަން އިލްޔާސަށް އިއްޔެ ނެގި ވޯޓްގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ލިބުނީ 15،191 ވޯޓެވެ. އެއީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ވޯޓްލި މީހުންގެ 6.99 ޕަސެންޓެވެ.

އިންތިހާބުގެ ކުރިން އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާފައި އިލްޔާސް ވިދާޅުވީ ހޮނިހިރު ދުވަހަކީ ބޮޑު ދުވަހެއް ކަމަށާއި ރައްޔިތުން ނިކުމެ ވޯޓުން މުޅި ދުނިޔެ ސިއްސުވާލާނެ ދުވަހެއް ކަމަށެވެ.

އިލްޔާސް އިންތިހާބަށް ކެމްޕޭން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މުގުލުގައި ހުންނަވައިގެންނެވެ. ދަ ޑިމޮކްރެޓްސް އަކީ ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި އަދި ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެވެ. އިލްޔާސްގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެޑައިގަތުމުން އެމްޑީޕީ އަށް ފެއަށް ޖެހިވަޑައިގެން އުފެއްދެވި ޕާޓީއެކެވެ.

އިލްޔާސަކީ މި އަހަރުގެ އިންތިހާބުގައި ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓެވެ. އަދި އޭނަ ވާދަކުރެއްވީ އަލަށެވެ.

އިއްޔެ ބޭއްވި އިންތިހާބު މިހާރު އޮތީ ދެވަނަ ބުރަކަށް ދާ ގޮތަށެވެ. އެގޮތުން ދެވަނަ ބުރަށް ވާދަކުރައްވަނީ ރައީސް ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭނަ އަށް 100،000 އަށް ވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް 85،000 އަށް ވުރެ ގިނަ ވޯޓް ލިބިފައިވެ އެވެ. އެއީ 39 ޕަސެންޓެވެ.

ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.