އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީ އަށް އެއްބުރުން ކާމިޔާބު ނުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީފެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލު ދެ ކަފިވެ، ވަކިން މަސައްކަތްކުރެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.
އޭނަ އަކީ އެމްޑީޕީގައި ހުންނެވުމަށް ފަހު، ނަޝީދު އެމްޑީޕީއާ ފެއަށް ވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށް ފަހު، ފަހުން އަނެއްކާ އަލުން މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގަތް ބޭފުޅެކެވެ.
އިއްޔެގެ އިންތިހާބުގެ ނަތީޖާއާ ގުޅުވައި ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބު ނުކުރެވުނީ ދެ ވެރިންގެ ހިޔާލު މާ ބޮޑަށް ދެކަފިވުމުން ކަމަށެވެ.
ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ދެވެރީން މާބޮޑާށް ހިޔާލް ދެކަފިވުމުން. ދެންވެސް އެދެނީ ދެވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްްވުން. ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން pic.twitter.com/Ddi249YM06
— Yasir Abdul Latheef (@YasirLathyf) September 9, 2023
"[އެހެންވެ] ދެން ވެސް އެދެނީ ދެ ވެރީން [ރައީސާއި ނަޝީދު] އެކުގައި މަސައްކަތްކޮށްދެއްވާ މި ރާއްޖެ ސަލާމަތްކޮށް ދެއްވުން." އޭނަ ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ ރަށްފުށުގެ ތަރައްގީ އާއި ކުރިއެރުމަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އޭނަ އެގޮތަށް ވިދާޅުވީ އިއްޔެގެ ވޯޓްގައި ރައީސްގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު 100،000 އަށް ގިނަ ވޯޓް ހޯދި އިރު، ރައީސަށް ލިބިވަޑައިގެންފައި ވަނީ 85،000 ވޯޓެވެ.
މި ނަތީޖާއާ އެކީ މިހާރު އޮތީ ދެވަނަ ބުރަކަށް ދާން ޖެހިފަ އެވެ. އެ ބުރުގެ ވޯޓްލުން އޮންނާނީ މި މަހުގެ 30 އެވެ.
އިއްޔެގެ ނަތީޖާއާ ގުޅިގެން ރައީސް ރޭ ވިދާޅުވީ އިތުރު ބަޔަކާ ކޯލިޝަން ހަދަން ޖެހޭ ކަމަށެވެ. އެމްޑީޕީ އިންތިހާބަށް ނުކުތީ އަދާލަތާއި އެމްޑީއޭ އެކީގަ އެވެ. އިއްޔެގެ ނަތީޖާ އަކީ ރައީސާއި ކޯލިޝަން ވެސް އުންމީދުކުރި ކަހަލަ ނަތީޖާއެއް ނޫނެވެ. ރައީސާއި ކޯލިޝަން ޔަގީންކުރީ ބޮޑުތަނުން އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަމަށެވެ.