މިދިޔަ ހޮނިހިރު ދުވަހު ބޭއްވ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މޮޅު ނުވެވުނީ އިންތިހާބުން މޮޅުވާނެ ކަމަށް މާ ބޮޑަށް ގަބޫލުކުރެވި އެކަމަށް ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދެވަނަ ބުރަށް ކެމްޕޭން ފެއްޓެމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ފުރަތަމަ ބުރުގައި "އޯވަކޮންފިޑެންޓް" ވެވުނަސް ދެވަނަ ބުރުގައި ރަނގަޅަށް މަސައްކަތްކޮށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނަ ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ހައިރާން ކުރުވަނިވި އެ ނަތީޖާ އަކީ "ކުރިން ބާރަށް ދުއްވާފައި ގޮސް ކުޑަކުޑަކޮށް މަޑުކޮށްލެވުނީމާ" ދިމާވި ގޮތެއް ކަމަށެވެ.
އެކަމަކު އެމްޑީޕީ އާއި އަދާލަތުގެ އިތުރުން އެމްޑީއޭ އެކީގައި ރަނގަޅަށް މަސައްކަތްކޮށް ދެވަނަ ބުރުން މޮޅުވެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި ތިން ޕާޓީ ނުކުމެ މީތި ގަދަ ކުރާނެ، ކުރި ހޯދާނެ، މޮޅުވާނެ، މޮޅުވާނެ، މޮޅުވާނެ،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕޭނުގެ ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަގީގަތުގައި ވެސް އޯވަ ކޮންފިޑެންޓުވީ."
އޭނަ ވިދާޅުވީ ނިކުމެ ތިއްބެވީ ތިބީ ރާއްޖެ އަކީ އަމާން ސުލްހަވެރި އަދި ހުރިހާ އެންމެންނަށް އުޅެވޭ ތަނަކަށް ހެދުމަށެވެ.
"ސިޔާސީ މަސައްކަތެއްގައި އުޅޭ ހުރިހާ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާންވެގެން ނިކުމެ މިތިބީ، އެކަން އެންމެންނަށް އެނގޭ،" އިމްރާން ވިދާޅުވި އެވެ. "ތިބޭފުޅުން ބައްލަވާ މިއަދުވެސް އެކި އެކި ބޭފުޅުން ވަކި ވަކި ސްޕީޗްތަކުން އެންމެ ގިނައިން އެ ބޭފުޅުންގެ ސްޕީޗުތަކުގައި އެކައްޗަކަށް ކިޔިފައި ހުންނާނީ އޭނަ ޖަލަށް ލާނަން، މީނަ ޖަލަށް ލާނަން، މީނަ ޖަލަށް ލާނަން، މީނަ ބަންދު ކުރާނަން."
އޭނަ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވަޢުދުތަކެއްވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް މި ސަރުކާރުން ދިން ގޯތިތަކާއި ފްލެޓުތައް މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ އަތުލާނެ ކަމަށެވެ.
"ވިސްނަން އެބަ ޖެހޭ. ވައުދުތަކެއް މުއިއްޒު އެބަ ކުރައްވާ، އެކަމަކު އަޅުގަނޑުމެންނަށް އެބަ އިނގޭ މާލެ ރައްޔިތުންނަށް ދިން ގޯތި އަތުލާނެކަން، އަޅުގަނޑުމެންނަށް އެނގޭ ގޯތި އަތުލާނެކަން،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެނގޭ ފްލެޓު އަތުލާނެކަން. އަޅުގަނޑުމެން މެމްބަރުންނަށް އެނގޭ ނަރުދަމާތައް ކުދި ރަށްރަށުގައި ހުއްޓޭނެކަން، އަޅުގަނޑުމެންގެ މެމްބަރުންނަށް އެނގޭ."
އެހެންކަމުން މުއިއްޒު ވެރިކަމަށް ހޮއްވަވައިގެން ގައުމު އެހާލަތަށް ފޮނުވާލަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި އެކންކަމާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަން އިމްރާން ގޮވާލެއްވި އެވެ.