އައްޑު އަކީ އަބަދު ވެސް ކޮންމެ ސަރުކާރެއްގައި ވެސް ތަރައްގީއާ އެންމެ ބޮޑަށް ގުޅުވާ ތަނެވެ. އެކަމަކު ފެންނަން ނެތް ހަގީގަތަކީ އެ ބުނާވަރުގެ ތަރައްގީ އަށް އައްޑު އަށް ގެނެސްދެވިފައި ނެތްކަމެވެ. އައްޑު އަކީ އަތޮޅުތެރެއިން އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ދިން ތަނެވެ. އޭގެ ފަހުން މިހާރު 13 އަހަރުވެއްޖެ އެވެ.
އެ މުއްދަތުގެ ތެރޭގައި ތަފާތު ސަރުކާރުތަކެއް އައިސް ގޮސްފި އެވެ. އެކަމަކު ހަގީގީ ސިޓީއެއްގެ ކުލަވަރު އައްޑުއަކަށް ނާދެ އެވެ.
ނަމަވެސް ވެރިކަން ކުރެއްވި އެހެން ވެރިންގެ ވާހަތަކާއި ސަރުކާރުތަކުގެ ވާހަކަ މާޒީ އަށް ދޫކޮށްލާފައި މިހާރު މިއޮތް ސަރުކާރާއި އައްޑޫގެ ވާހަކަ ދައްކާލުން މާ އައުލާކަން ބޮޑެވެ. އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށް ވަޑައިގެންނެވީ އައްޑު އަށް ގިނަ ވައުދުތަކެއްވަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފެށި އަދިވެސް ކުރިއަށް އެބަދެ އެވެ.
މި ސަރުކާރުގެ ދައުރު ހަމަވާން ދެ މަހެއްހާ ދުވަހަށްވީ އިރު، އައްޑު އަށް ކުރަން ބުނިން މުހިއްމު ބޮޑެތި ބައެއް ކަންކަން އޮތީ ހަގީގަތާ ހަމައަށް ނުގެނެސްދެވި އެވެ. އޭގެ ތެރޭގައި ފަސް އަހަރުގެ ތެރޭގައި ތަރައްގީ ކުރަން ބުނި ޓޫރިސްޓު 8،000 އެނދާއި ގަން އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫ ސަރަހައްދީ ބަނދަރު ތަރައްގީ ކުރުން ފަދަ ކަންކަން މިސާލުތަކަށް ނެގިދާނެ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ބަޔަކާ ހަވާލުކޮށް، އެ މަސައްކަތް ސަރުކާރުން ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅު އެވެ.
ނަމަވެސް ފާހަގުރަން ޖެހޭ ހަގީގަތަކީ މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް މުހިއްމު ކަންތައްތަކެއް ފަށާފައިިވާކަމެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ އަވަށްތަކުގެ މަގުތައް ހެދުމެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
އައްޑު އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބިމުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައިފި އެވެ. ނެދަލޭންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން އައްޑޫގައި ޓޫރިޒަމް ފުޅާކޮށް، ތަރައްގީކުރަން މުޅިން އަލަށް ތިން ރަށެއް ވެސް ހިއްކާފައިވެ އެވެ.
އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ސަރުކާރުން އޮތީ ހަވާލުކޮށްފަ އެވެ.
މި ސަރުކާރުގައި އައްޑޫގެ ބައެއް އަވަށްތަކުގެ ބަނދަރުތައް ވެސް ހަދާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ބަނދަރަކީ ވަރަށް ބޮޑަށް ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައި ވަނިކޮށް ތަރައްގީކުރި މަރަދޫފެދު އާއި މީދޫ ބަނދަރެވެ. މީގެ އިތުރުން ހުޅުދޫގައި ވެސް އާ ބަނދަރެއް ހަދައި މީގެ ދުވަސްކޮޅެއް ކުރިން ހުޅުވާފައިވާ އިރު، ހިތަދޫ ބަނދަރު ތަރައްގީ ކުރިން އަދިވެސް ދަނީ ކުރިއަށެވެ.
ރާއްޖޭގައި މިހާތަނަށް ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރީ މި ސަރުކާރުން އައްޑޫގަ އެވެ. އެތަނުގެ މަސައްކަތް ނިންމައި ވެމްކޯއާ ހަވާލުކޮށްފައިވާ އިރު، މިހާރު ތައްޔާރުވަމުން އަންނަނީ އެތަނުގެ ބޭނުން ހިފުމަށެވެ. ސަރުކާރުން އައްޑޫގައި ފެށި މަޝްރޫއުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒެއް ބިނާކުރުން ވެސް ހިމެނެ އެވެ. ހަތްސަތޭކަ މީހުންގެ ޖާގައިގެ މި ބިނާގެ ބިންގާ ޖުލައި މަހުގެ ތެރޭގައި އަޅާފައިވެ އެވެ.
މީގެ އިތުރުން ވެސް ބައެއް އަވަށްތަކުގައި މިސްކިތްތަކެއް އިމާރާތްކުރުމުގެ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް އެބަ ގެންދަ އެވެ.
އައްޑު އަށް ސަރުކާރުން ކޮށްދޭން ބުނި ކަންތައްތަތަކާ އެކީ ސަރުކާރުގެ ވައުދަކީ ހަގީގީ ސިޓީއަކަށް އައްޑޫ ހެދުމެވެ. މި ވާހަކަ އެތައް ޕޯޑިއަމްތަކެއްގައި ރައީސާއި ސަރުކާރުގެ އެތައް ވެރިންނެއް ދައްކަވައިފި އެވެ.
ރާއްޖެ މިހާރު އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޯމައްޗަށް ލައިގެންނެވެ. ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ރައީސަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް ޔަގީންކޮށްގެން ތިއްބަސް އެކަމެއް އެހެނެއް ނުވި އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ އެ ނަތީޖާއާ އެކީ ސަރުކާރު މިހާރު "ހޫނު ފެނު" ގަ އެވެ.
އެހެންވެ ދެވަނަ ދައުރެއް ކަށަވަރު ކުރަން ރައީސަށް ކުރައްވަން ޖެހިވަޑައިގެންފައި އޮތް މަސައްކަތްތައް ވަރަށް ގިނަ އެވެ. މި މަހުގެ 30 ގައި ދެވަނަ ބުރުގެ ވޯޓަށް ރައްޔިތުން ނުކުންނަ އިރު ހަނދާނުގައި ބަހައްޓަންވީ މި ސަރުކާރުގެ މަޝްއޫއުތައް ކުރިއަށް ގެންދާނީތޯ އެވެ؟ މިއީ ހާއްސަކޮށް އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.
ރައީސަށް ދެވަނަ ދައުރެއް ނުލިބި، ސަރުކާރު ބަދަލުވެއްޖެ ނަމަ އައްޑޫ ސިޓީ ކައުންސިލުން ބުނަމުން އަންނަ ގޮތަށް ދެން ފެންނާނީ އައްޑޫގެ ތަރައްގީ އަށް ފެށިފައި ހުރި ކަންކަން، ހުއްޓި އައްޑޫ އަނެއްކާ ވެސް ފަހަތަށް ދާ ތަނެވެ. އެހެންވެ އެ ވިޔަ ނުދިނުމަށްޓަކައި ދެވަނަ ބުރުގެ ވޯޓާ މެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ.
އައްޑޫ ރައްޔިތުންނަށް ދެވަނަ ބުރުގެ ވޯޓަށްދާ އިރު "އެކޯ ގެ ވާހަކަތައް ބާތިބެއި މިކޯގެ ކަންކަމަށް" މަގުފަހި ކުރުން މާ ބުއްދިވެރި އެވެ.