Last Updated: September 30, 15:28
Monday, September 30, 2024
މުނިފޫހިފިލުވުން

"ސިންގަމް އެގެއިން" ގެ ވިލަންއަކަށް އަރުޖުން

އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅެމުން އަންނަ މަގުބޫލު "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ވިލަން އަކީ އެކްޓަރު އަރުޖުން ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން ބުނީ މިކަން މިހާރު ކަށަވަރު ކަމަށާއި "ސިންގަމް އެގެއިން" އަށް އަރުޖުން މިހާރު ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ. ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
"ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން އަށް ވެއްޖެ ނަމަ މިއީ އޭނަ ރަސްމީކޮށް ފިލްމެއްގައި ނުބައިބައި ރޯލު ކުޅޭ ފުރަތަމަ ފިލްމުގެ އިތުރުން ރޯހިތާ އެކީ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށް ވާނެ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން ވެސް ހިމެނެ އެވެ. އަޖޭއާ އެއްގޮތަށް އޭނަ ވެސް ކުޅޭނީ ފުލުހެއްގެ ރޯލެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ސިންގަމް އެގެއިން" ގައި އަޖޭ އާއި ދީޕިކާ ފެންނާނީ ދެބެއިންގެ ގޮތުގަ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 15 ގަ އެވެ.

ރޯހިތު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ފްލޮކް ކޮމެޑީ ފިލްމު "ސާކަސް" އެވެ. "ސިންގަމް" ގެ ފުރަތަމަ ބައި 2011 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި "ސިންގަމް ރިޓާންސް" ރިލީޒްކުރީ 2014 ގަ އެވެ.

އަޖޭގެ ސިންގަމް ކެރެކްޓާ އަކީ ރޯހިތުގެ "ކޮޕް ޔުނިވާސް" ގެ ފުރަތަމަ ކެރެކްޓާ އެވެ. މީގައި ދެން ހިމެނެނީ ރަންވީރު ސިންގުގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.